އާއިލާއަށް ހަބަރެއް ނުވާތާ ދެހަފުތާވެފައިވާ، އއ. މާޅޮހު ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން (22އ) ކަމަށެވެ.

އަލީ ރިޝާންގެ ހަބަރެއް ނުވެގެން އެއާއިލާއިން ރިޝާން ގެއްލިފައިވާ ކަމަށްބުނެ ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ރިޝާން މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް ފުލުހުންގެ ޓުވީޓުގައި ހާމަކޮށްފައިވެއެވެ. އަދި ރިޝާންގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.