ބްރެޒިލްގެ އެމެޒޯނާސް ސްޓޭޓުގައި، ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. މި ބޯޓު ވެއްޓިފައިވަނީ ބްރެޒިލްގެ ވެރިރަށް މަނައުސް އާއި ގާތްގަނޑަކަށް 250 މޭލު (400 ކިލޯމީޓަރު) ދުރުގައި އޮންނަ ބާސެލޯސް ޕްރޮވިންސްއަށެވެ.

ބްރެޒިލްގެ ސިވިލް ޑިފެންސުން ބުނީ މިބޯޓުން ދަތުރުކުރީ ޖުމްލަ ސާދަ މީހުން ކަމަށެވެ. އެއީ ބާރަ ފަތުރުވެރިންނާއި ޕައިލެޓްގެ އިތުރުން ކޯޕައިލަޓް ކަމަށެވެ. ހަބަރުތައް ބުނާ ގޮތުގައި ބޯޓު ދަތުރުކުރަމުން ދިޔައީ އެ ސިޓީގައި ފަތުރުވެރިންނަށް މަގުބޫލު މަސްވެރިކަން ކުރާ ހާއްސަ ސަރަހައްދަކަށެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ބޯޓު ވެއްޓިފައި ވަނީ މޫސުން ގޯސްވެގެން ކަމަށް ބެލެވޭކަމަށެވެ. ވެއްޓުނު ވަގުތު ބޯކޮށް ވާރޭވެހެމުން ދިޔަކަމަށްވެސް އޮޕިޝަލުން ވަނީ ބުނެފައެވެ. ބޮޑަށް ލަފާކުރެވެނީ މޫސުން އެހާ ބޮޑަށް ގޯސްވެފައި އޮތުމުން ބޯޓު ލޭންޑިން ކުރުމުގެ ތެރޭގައި ކޮންމެވެސް ކަހަލަ މައްސަލައެއް ދިމާވިކަމަށްވެސް އޮފިޝަލުން ހާމަކުރެއެވެ.

ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް އެތަނުން ގެންދެވިފައިވާ ކަމަށާއި އެއީ ބްރެޒިލްގެ މީހުން ކަމަށް ބުނިނަމަވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ފަތުރުވެރިންގެ ސީދާ މައުލޫމާތެއް ބްރެޒިލްގެ އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.