މާލޭ ސޯސަންމަގުގައި ހިންގި މާރާމާރީއެއްގައި، ޒަހަމްވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ސޯސަންމަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރުފަހު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި އެކަކަށް އަނިޔާވެފައި ވާއިރު އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ލިބިފައިވާ ގެއްލުން އަދި ހާމަކުރަން ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގުމަށް ބޭނުން ކޮށްފައި ވަނީ މަރުތޭލެކެވެ. މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ ސޯސަން މަގު ވިލާ ޓީވީ ކުރިމަތީގައެވެ.