ނޭޕާލުގައި މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމު މިއަދު ނޭޕާލަށް ފުރައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ޕާކިސްތާނާއެކު ގްރޫޕް "އޭ" ގައެވެ. ވަރުގަދަ އިންޑިޔާއާއެކު ގްރޫޕް "ބީ" ގައި ހިމެނެނީ ބޫޓާނާއި ބަންގްލަދޭޝްއެވެ. ފީފާ ސަސްޕެންޝަނުގެ ސަބަބުން ލަންކާ މިމުބާރާތުން ނުފެންނާނެއެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 23 ވަނަ ވަނަ ދުވަހު ބައްދަލު ކުރާނީ ޕާކިސްތާނާއެވެ. ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ސެމީފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ދެގައުމަށެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ނޭޕާލަށް ފުރާފައި މިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ހިންގުން ދޯދިޔާވެ ވަރަށް ބޮޑު އަޑިގަނޑެއްގައިވާ ދުވަސްވަރެއްގައެވެ. މިފަހުން އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މާލީ ދަތިކަމުގެ ސަބަބުން ކޮލިފިކޭޝަން ކުޅުމަށް ދެވިފައެއް ނުވެއެވެ.