މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި މި ހަފްލާގައި ހުޅުމާލެ "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވުނު މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން ހުންނަ ގޯޅިތެރޭގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއަދު ހުޅުވާފައި ވަނީ "މާލެ ފެހި" އައުޓްލެޓް ގެ ދެވަނަ އައުޓްލެޓް ކަމަށްވާއިރު، މީގެ ކުރިން ވަނީ މާލޭގައި މިފަދަ އައުޓްލެޓެއް ހުޅުވާފައި ކަމަށެވެ.

މި ނާސަރީ އައުޓްލެޓް ތަކުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއަދު ހުޅުވި މާލެ ފެހި އައުޓްލެޓް ހުޅުވައިދެއްވުމަށްފަހު މޭޔަރ މުއިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ގައި ހުރި މިފަދަ އެންމެބޮޑު ނާސަރީ ކަމަށާއި، އެކިކުލަކުލައިގެ އެކި ވައްތަރުގެ ބޯގަންވިލާ ގަސްތަކާއި އެނޫންވެސް ގިނަ ބާވަތްތަކުގެ ގަސްތަކެއް މިއަދު ހުޅުވިގެން ދިޔަ ނާސަރީގައި ލިބެން ހުންނާނެކަމަށެވެ.

މީގެ އިތުރުން މި ނާސަރީން ކަދުރު ރުއްވެސް ގަންނަން ލިބެންހުރިކަން މޭޔަރު މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލެފެހި ހުޅުމާލެ އައުޓްލެޓްގެ ޚާއްޞަ ކަމެއްގެ ގޮތުގައި މޭޔަރު ވަނީ އެތަނުގައި ގާއިމްކުރެވުނު "ބަޓަފްލައި ގާޑްން" އާއިބެހޭ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނުވަނީ އެ ބަގީޗާގައި ކުރިއަށްއޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ހާއްސަ ގަސްތައް ހުންނާނެކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާސް ކޮކާ އެ ބަގީޗާގައި އުޅޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި އައުޓްލެޓްގެ ސަބަބުން އެކި ވައްތަރުގެ ގަސްގަހާގެހި ބޭނުންވާ ފަރާތްތަކަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިއީ މާލެސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ އަދި ޖުމްލަކޮށް އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ދެވޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި ކަދުރު ރުކަކީ މިހާރު ކައުންސިލަށް ވަރަށް ބޮޑު ޑިމާންޑެއްއޮތް ކަމެއް ކަމަށާއި، ކައުންސިލްގެ ނާސަރީން ކަދުރުރުއްވެސް ގަންނަން ލިބޭނެ ކަމަށެވެ.

އަދި ބަގީޗާ ހައްދާފަރާތްތަކަށް ބޭނުންކުރެވޭނެހެން އުކާލާ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މި ނާސަރީ އައުޓްލެޓުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ