ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރޭޝަނަށް އިތުރަށް ހުށަހެޅީ ފަސްހާހެއްހާ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2018 ގައި، 103047 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ކަމަށެވެ. އަދި އޭގެ ފަސް ވަރަކަށް މަސްފަހުން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި، 20848 މީހުން އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި، 29672 މީހުންވަނީ ރީ-ރަޖިސްޓަރީ ކޮށްފައި ކަމަށް ހަބީބު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 42867 ފޯމު ހުށަހެޅިއިރު، ދެވަނަބުރުގައި ގާތްގަނޑަކަށް 47000 ފޯމު ހުށަހެޅުމުން، ދެބުރުގެ ފޯމުތަކުގެ ޖުމްލަ ގާތްގަނޑަކަށް 90000 އަރާފައިވާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައި ވަނީ ފަސްހާހެއްހާ ފޯމު ކަމަށާއި ދެވަނަ ބުރުގައި ހުށަހެޅި 47000 ފޯމުގެ ތެރެއިން، މިރޭގެ 8 ޖެހުމާ ހަމަޔަށް، ޕެންޑިންގައި ހުރީ، ގާތްގަނޑަށް 16 ހާސް ފޯމު ކަމަށް ހަބީބު ވިދާޅުވެފައިވެއެވެ.

އަދި މަސައްކަތް ކުރެވެމުން ދަނީ، މާދަމާގެ ނިޔަލަށް، މިހާރު ބާކީ ހުރި 16 ހާސް ފޯމު ނިންމުމަށް ކަމަށް އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވެފައި ވެއެވެ.