އޭއެފްސީ ކަޕުގައި އަވަށްޓެރި ބަންގްލަދޭޝްގެ ލީގް ޗެމްޕިއަން ބަޝަންދުރަ ކިންގްސްގެ މައްޗަށް 3-1 އިން ކުރި ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ފުޓްބޯޅައަށް ދިރުން ގެނުވައިފިއެވެ.
ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗް ސްޕެއިނުގެ އޮސްކާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޝަންދުރައިން ވަނީ މުޅި މެޗް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މާޒިޔާއިން ލީޑް ނެގީ މެޗުގެ 15 ވަނަ މިނެޓުގައި ވޮޖިސްލާވް ބަލަބަނޯވިޗް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. ބަލަބަނޯވިޗް މިލަނޑު ޖެހީ ބަޝަންދުރައިގެ ކީޕަރު އޭރިޔާ ތެރެއިން ކުޑަކޮށް ކުރިއަށް ޖެހިލާހުރި ވަގުތެއްގައި، ބަޝަންދުރައިގެ ހާފުގެ މެދަކާ ހިސާބުން އޭނާ ލިބުނު ބޯޅައެއް އެއްފަހަރުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ. މިއީ މިފަހުން ގަލޮޅު ދަނޑުން ފެނުނު އެންމެ ރީތި އެއްލަނޑެވެ.
ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
މާޒިޔާއިން ބިދޭސީ 6 ކުޅުންތެރިން އަދި ބަޝަންދުރައިން ބިދޭސީ 5 ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅެމުންދިޔަ މިމެޗުގައި ބަޝަންދުރައަށް އިތުރު ގޮންޖެހުންތައް ކުރިމަތިވީ މެޗުގެ 68 ވަނަ މިނެޓުގައި ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ރީތި ލަނޑަކުން މާޒިޔާއިން ލީޑް ފުޅާ ކުރަމުންނެވެ.
މާޒިޔާއިން 3 ޕޮއިންޓް ޔަގީން ކުރީ އިތުރު ވަގުތުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބަޝަންދުރައިގެ ހަމައެކަނި ލަނޑު 93 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އިބްރާހިމެވެ.
މާޒިޔާއިން މިހޯދި ކާމިޔާބީގެ ސަބަބުން، އަންނަ މަހު ވަރލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރާއްޖެއަށް މިވަނީ ބަންގްލަދޭޝް ބަލިކޮށް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދިދާނެކަމަށް އުއްމީދެއް ލިބިފައެވެ. ފާއިތުވެދިޔަ ދެތިން އަހަރު ބަންގްލަދޭޝްގެ ގައުމީ ޓީމާއި ކްލަބުތައް ބަލި ކުރުމަކީ ރާއްޖެއަށް ވަނީ އުނދަގޫކަމަކަށްވެފައެވެ.
މާޒިޔާއިން މިއަދު ހޯދި މޮޅާއެކު މިގްރޫޕް (ދެކުނު އޭޝިޔާ ޒޯން) ގެ ދެވަނައިގައި މާޒިޔާ އޮތީ 3 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކުއެވެ. މިގްރޫޕުގެ އެއްވަނައިގައި 3 ޕޮއިންޓާއި ފައިދާ ހަތަރު ލަނޑާއެކު އޮތީ މިއަދު އިންޑިޔާގެ އޮޑިއްސާގެ މައްޗަށް 4-0 އިން ކުރި ހޯދި އެގައުމުގެ ޗެމްޕިއަން މަޝްހޫރު މޯހަން ބަގާންއެވެ.