ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، ނިޒާމީ ވޯޓެއް ނެގުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރެއިން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން މިހާރު ހުށަހަޅާފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ނިޒާމީ ވޯޓަކަށް ތައްޔާރުވާން 30 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަން އީސީން އަންގާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކްއެސްޓް ކުރެވޭނެ،"
ރައީސް ސާލިހު

ރައީސް ސާލިހު ވިދާޅުވީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ނިޒާމީ ވޯޓެއް ނަގަން ފާސްކޮށްފިނަމަ، އެ ނިންމުމާ އެއްގޮތަށް އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމަައަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމަށެވެ. އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމައަށް ފޮނުއްވައި، ދެން ކުރިއަށްދާނެ ގޮތަކާމެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ނިޒާމް ބަދަލުކުރަން ނުފެންނަ ނަމަ، އަޅުގަނޑު ނުޖެހޭނެ ތަސްދީގު ކުރާކަށް، ފެނިއްޖެއްޔާ ދެން އޮންނާނީ އޭގެ ތެރެއިން ސަރުކާރު ބައްޓަން ކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް،"
ރައީސް ސާލިހު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ތާއީދު ކުރައްވާތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރައްވާނީ ގޮތެއް ނިންމުމުން ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.