ތ. ވިލުފުށި ސްކޫލްގެ ގްރޭޑް 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމަށް މާލޭގެ ސްކޫލުތަކަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، އެ ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ދަރުމަވަންތަ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ކާމިޔާބު ދަރިވަރަކަށްވުމަށް މަސައްކަތްކުރާނެ ގޮތާއި ކާމިޔާބު ދަރިވަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި އިސްލާމީ ރިވެތި އާދަތަކުގެ މަތީގައި ކުރިއަށްދާނެގޮތާއި ރަނގަޅު އަހުލާގެއްގެ ވެރި ކުއްޖަކަށް ވުމަށްޓަކައި މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުުން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަމާއި ދަރިވަރުންގެ ޒިންމާތަކަކި ކޮބައިއިކަން ބުނެދީފައިވެއެވެ. އަދި ރަނގަޅު އެކުވެރިން އިހުތިޔާރުކުރުމުގެ މުހިންމުކަމާއި ކަންކަމުގައި ނާއުންމީދުނުވެ ކެތްތެރިކަމާ ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކަންކަމާ ކުރިމަތިލައި ކާމިޔާބު ކުރުމަށް އަމާޒެއް ކަނޑައަޅައި އެކަމަށް މަސައްކަތްކުރާނެ ގޮތްތަކާއި، މައިން ބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން ބޮޑެތި މީހުންނަށް އިހުތިރާމުކުރުމާއި ކުޑަކުދިންނަށް ނަމޫނާ ދެއްކުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ސެޕްޓެމްބަރ 19 ވަނަ ދުވަހު އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ވިލުފުށި ސްކޫލް އަދި ދަރުމަވަންތަ ސްކޫލް ގުޅިގެންނެވެ.