ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހާހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފިއެވެ.

ޑޮކްޓަރުންގެ ލަފައާއެކު ބޭރުން ފަރުވާ ހޯއްދަވަން ސިންގަޕޫރަށް އަދީބު ވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ.

ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ ދިހަ ދުވަހަށެވެ. ދިހަ ދުވަހުގެ މުއްދަތު ހަމަވިފަހުން އޮގަސްޓު މަހުގެ 28 އާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އަދި އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް މިމަހުގެ 15 ވަނަ ދުވަހަށް މުއްދަތު ހަމަވުމުން އަދީބުގެ އެދުމުގެ މަތިން އަނެއްކާވެސް މިއަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފިއެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރައްވާފައިވަނީ އޭނާގެ ފަރާތުން މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.

އަދީބުގެ ޕާޓީ، އެމްޓީޑީން ބުނެފައިވާ ގޮތުގައި އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ދައުލަތާ އެކީގައި އަދީބު ވަނީ އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.