ކަޅުވަކަރު މިސްކިތް ބަހައްޓަން ބަޔަކާ ހަވާލުކޮށްފި

0
ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިމިސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ “އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”އާއެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް “އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”އާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤެވެ. އަދި “އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މުއްޠަލިބްއެވެ.

2.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް އެމަސައްކަތް ނިންމުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދު ހަވާލުކުރާ ތާރީޚުން ފެށިގެން 120 ދުވަސްތެރޭގައެވެ.

Advertisement

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމަށެވެ. މިގޮތުން މިސްކިތާއި ހަރިންމަފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށައިފާރު ރޭނުން ހިމެނެއެވެ. އަދި މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމާއި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯރ އެގްޒިބިޝަން ތައްޔާރުކުރުމަށެވެ.

މީގެއިތުރުން ކަރަންޓު ވައިރުކުރުމާއި ލޭންޑްސްކޭޕާއި މިސްކިތުގެ ބޮކި ހަރުކުރުން އަދި ޕްލަމްބިންގ މަސައްކަތާއި އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަލުމާއި ދޮންވެލިލުމަށްވެސް މިމަޝްރޫއުގައި ހިމެނެއެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ. ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައިވަނީ ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމުގައެވެ. ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބައިތަކާއި، ލަކުޑީގެ ބައިތަކަށް މަސައްކަތުގެ ފަންނުވެރިންގެ އެހީގައި މިހާރުވަނީ ފަރުވާދީ ނިމިފައެވެ. އަދި ލިޔެލާޖަހާފައި ހުރި ބައިތައް ސާފުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާއި ގާތްވެފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހެރިޓޭޖް މިނިސްޓްރީންވަނީ މިއަހަރު ފަހުކޮޅަށް މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައެވެ. އަދި މި މިސްކިތް ދެން ބޭނުންކުރާނީ ބަންގިގޮވާ އަދި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ނޫންނަމަވެސް ބޭނުންވާ ފަރާތްތަކަށް މިސްކިތުގައި ނަމާދު ކުރެވޭނެއެވެ.

ކުރީގެ ސަލްޓަން ޕާކުގައިހުރި މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016ވަނަ އަހަރުއެވެ. އަދި މިސްކިތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމުމާއި އަދި ފަހުން ގދ.ތިނަދުއަށް ބަދަލުކުރުމަށްވެސް ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ 3 އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ. ކަޅުވަކަރު މިސްކިތަށް 200 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް ބެލެވެއެވެ

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here