މަރިޔަނާއި ހުސޭނަކީ އުތުރު ރަށަކަށް ނިސްބަތްވާ ދެމަފިރިންނެވެ. ބިން ބޮޑު ރަށެއްކަމުން އާމްދަނީ ހޯދުމަށް ހުސޭނު ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. މިކަމުގައި މަރިޔަން ވެސް އެހީތެރިވެދެއެވެ.

މަރިޔަނާ ހުސޭނު ވެސް މިހާރު ގުނަމުންދަނީ ސާޅީހުގެ ފަހު އަހަރު ތަކެވެ. ޅައުމުރުގައި ކައިވެނިކޮށް ލިބުނު ތިން ދަރިން ވެސް މީހުނާއިނދެ ފިރިންނާ އެކު ވަކިން ދިރި އުޅެން ފަށައިފިއެވެ. ގޭގައި ދިރިއުޅެނީ ހުސޭނުގެ ދެމަފިރިންނެވެ.

އާދައި ގެ މަތިން އެއްދުވަހަކު ހުސޭނު ފަތިސް ނަމާދުން ފައިބައިގެން އައިސް މަރިޔަނާ އެކު ކޮފީ ބޮއިގެން ދަނޑަށް ދާން ތައްޔާރުވާން ފެށިއެވެ. މަރިޔަން ހުސޭނު ގާތު ބުންޏެވެ. މިއަދު މެންދުރަށް ކަށްކާނީ ހުނިލީ ބަތެވެ. އިއްޔެ ކެއްކި ގަރުދިޔައެތި ހުރީ ރަތްވެފައެވެ. ހުސޭނަށް ރަތް ގަރުދިޔައާއި ހުނި ލީ ބަތް ނިކަން މީރެވެ.

ދަނޑަށް ގެންދަން ބޭނުންވާ އާލާތައް ސުތުލި ގޯންޏަކަށް އަޅައިގެން ގޯނި ކޮނޑަށް އެއްލައިގެން ހުސޭނު ދަނޑަށް ދާން ނުކުމެއްޖެއެވެ. މަރިޔަން ކޮފީ ބުއި ތަށިތައް ދޮވުމަށްފަހު ރޮށިފިހެ ސައި ހަދާ ނިމުމުން ނުކުތީ ގޯތި ތެރެ ކުނި ކަހާށެވެ. ގޯތި ތެރޭގައިވެސް އަނބާއި، ފޭރާއި ޖަނބުރޯލު ފަދަ ގަސްތައް ހައްދާފައިވާތީ އެންމެ ދުވަހަކު ކުނި ނުކެހިޔަސް ގޯތި ތެރޭގައި ފަތްތައް ގިނަކަމުން ބަލާލަން ނުކުރޭކަމަށް މަރިޔަން ބުނެއެވެ. ގޯތި ތެރެ ކުނިކަހާ ނިންމާފައި ބޭރު ދެމަގުންވެސް ގެޔާވީ ފަޅި ކަހާލުމަށް ފަހު މަރިޔަން ފެން ވަރައިގެން ނުކުތް އިރު ނުވައެއް ޖަހައިފިއެވެ.

އެހެންޏާ ނުވައެއް ޖަހާއިރަށް ހުސޭނު ސައިބޯން އާދެ އެވެ. މިއަދު އެގަޑި އަށް ނައުމުން މަރިޔަން ހުސޭނަށް ގުޅާލި އެވެ. ފޯނަށް ޖަވާބު ދެމުން ހުސޭނުބުނީ މިރުސް ގަސްތައް ގުރުޑުވެފައި ހުރުމުން ބޭސް ޖަހާލައި ކަރާތައްވެސް ކުޑަކޮށް ވަޅު ލާން ޖެހޭތީ މިއަދު ލަސްވާނެ ކަމަށެވެ. މަރިޔަން ސައި ބޯލާށެވެ.

މަރިޔަން ސައި ބޮއިގެން މެންދުރަށް ކަށްކާންފެށި އެވެ. ކައްކާ ނިމުނުތަނާ މަރިޔަން ފާހާނާ އަކަށް ދާން ޖެހިއްޖެއެވެ. ހުސޭނަށް ގެއަށް އާދެވުނީ އެ ގަޑި އަށެވެ. އޭރު ގަޑިން އެގާރަގަޑި ބައި ވަނީ އެވެ. މަރިޔަން ފާހާނާގައި އުޅޭ އަޑު އިވޭތީ ބަދިގެއަށް ވަދެ އަތް ދޮވެލައިގެން ހުސޭނު ކާން ފެށި އެވެ. ހައިވެފައި ހުރިވަރުން ރޮށި ނުކައި މެންދުރަށް ކެއްކި ހުނިލީބަތް ކެއުމަށް ހުސޭނު ނިންމި އެވެ. މޭޒުމަތީގައި ހުރި ތަށިން ބަތް އަޅައިގެން، ތެލިން ގަރުދިޔަ އަޅައިގެން، މަރިޔަން ފުނޑާފައި ހުރި ލޮނުމިރުސްގަޑު ލައިގެން، އަލަމާރިން ލުނބޮއެއް ވެސް ނަގައި ކޮށާލައިގެން ހުސޭނު ޅީވާވަރަށް ކައިފިއެވެ. ގޮނޑިން ތެދުވަމުން ދެތިން ވައިވެސް ލައިގެން ސިންކަށް ތަށި ލާފައި ބަދިގެއިން ނުކުތް އިރު މަރިޔަން އައިސް ބަދިގެ އަށް ވަންނަނީ އެވެ.

ހުސޭނު ސައި ބުއީހޭ މަރިޔަން އަހާލުމުން ނޫނެކޭ ހުނިލީ ބަތް ކެއީ އޭ ހުސޭނު ބުންޏެވެ. އެކަމަކު މިއަދު ބަތުގައި ތަންކޮޅެއް ހުނިގިނައޭ ބުނެލި އެވެ. މަރިޔަން ހިތާ ހިތާ ކިޔާލިއެވެ. އެކަމަކު ހުނި ގިނަވާންވީ ކީއްވެ ހެއްޔެވެ؟ ބަދިގެއަށް ވަދެ ސިންކުގައި ހުރި ތަށިތައް ދޮވެފައި ބަތްތެލި މަތި ނެގި އިރު އެއިން އެންމެ ތަންކޮޅެއްވެސް އަޑިއަޅާލާފައެއް ނެތެވެ. މަރިޔަން ކެއްކި ގޮތަށް ބަތްތެލި އެ ހުރީ އެވެ. މަރިޔަން ހައިރާންވެ ބަދިގޭ އެތައް މިތަނަށް ލޯ ހިންގާލިތަނާ ލޮލުގައި އަޅައި ގަތީ ކިރުފެލާފައި ހުރި ހުނިތަށްޓެވެ. ފާހާނާ އަށް ދާންވެގެން އަވަސް އަވަހަށް ހުނި ތަށި ކުނިބާލިދީ އަށް ނާޅާދެވުނީ އެވެ. އެކަމަކު މިހާރަކު އެތަށީގައި ބާލިދީ އަށް އަޅާނެ ހުންޏެއްނެތެވެ. މަރިޔަން އަނގަމަތީ އަތް އަޅައިގެން ނުކުތް އިރު ހުސޭނު ޖޯލީގައި ދުފަން އޮތެވެ. މަރިޔަން ލާނެއް ފާޑަކަށް ހެމުން ހުސޭނާ ދިމާއަށް ބުންޏެވެ. އެކަމަކު ހުސޭނާއެވެ ހުނިލީ ބަތާ ކިރުފެލި ހުންޏާ ވަކި ނުވާ ވަރަށް ހައިވާން ދެން ހުންނާކަށް ނުވާނެ ނޫންހެއްޔެވެ؟ ހުސޭނަށް މި ވީގޮތް އެނގުމުން ނުރުހިފައި ބުންޏެވެ. ދެން ގެއަށް ވަންނަހާ މީހެއްގެ ގާތުގަޔާއި ދާހާ ތަނެއްގައި އެ ވާހަކަ ދައްކަމުން ހިނގާނީއެއް ނޫނެވެ. މަރިޔަން ހެމުން ހެމުން ބުންޏެވެ. ނުދައްކާވަރެއްވެސް ނޫންތާއެވެ!