ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބު ކޮށްދިން ޕެނަލްޓީއިން ބަންގްލަދޭޝް އަތުން 1-0 އިން މިއަދު އިންޑިޔާ މޮޅުވެ ދެވަނަ ބުރުގެ އުއްމީދު ދަހަމައްޓައިފިއެވެ.
ފުރަތަމަ މެޗުގައި ޗައިނާ އަތުން 51- އިން ބަލިވެފައިވާ އިންޑިޔާއިން ވަނީ މިމެޗް ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައެވެ. ފުރަތަމަ ހާފް އިންޑިޔާ ލަނޑެއް ޖެހިިޔަނުދީ ބަންގްލަދޭޝްއިން ހިފެހެއްޓީ ކީޕަރު މިޓޫލް ކުރި މޮޅެތި ސޭވްތަކުގެ އެހީގައެވެ. ދެވަނަ ހާފުގައި އިންޑިޔާއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މީގެ ތެރެއިން ސެމިއުލް ކިންޝީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މެޗް އެއްވަރުވެގެން ނިމެނޭކަމަށް ލަފާކުރެވިފައި ވަނިކޮށް އިންޑިޔާ ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަބަދަށްފެހި ކެޕްޓަން ޗެތުރީއެވެ. މިއީ އިންޑިޔާގެ ވިންގަރ ބްރައިސް މިރާންޑާއަށް ބަންގްލަދޭޝްގެ ކެޕްޓަން ރަހުމަތު މިއާ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. ޗެތުރީ ތިރިތިރިން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
އިންޑިޔާ އާއި ބަންގްލަދޭޝް ހިމެނޭ ގްރޫޕް "އޭ" ގައި ކޮންމެ ގައުމަކުންވެސް 2 މެޗް ކުޅެފައިވާއިރު، މިގްރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. ޗައިނާ މިއަދު ވަނީ މިޔަންމާ އަތުން މޮޅުވެފައެވެ. ދެވަނަ ބުރުން ޖާގަ ލިބޭނީ ގްރޫޕް ސްޓޭޖުތައް މެޗުތައް ނިމޭއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓާ ދެގައުމަށެވެ. މީގެ އިތުރުން މިގްރޫޕުގެ 3 ވަނައަށްދާ ގައުމަށްވެސް ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.