ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އިތުރު މައްސަލައެއްގައި ސަސްޕެންޑުކޮށްފިއެވެ.

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތައް ކުރުމާގުޅިގެން ޖޭއެސްސީން ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު، އަލީ އާދަމް މެޖިސްޓްރޭޓެއްގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފައެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި އަލީ އާދަމްއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން 2023 މެއި 25 ގައި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގި އެންގުން ނިމިފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ 24 ގައި ވަޒީފާއަށް ނުނިކުނެ މަޑުކުރުމަށް އަލީ އާދަމަށް އަންގާފައިވާ އެންގުމަށް 60 ދުވަސްވުމާއެކު މިއަދުގެ ނިޔަލަށް ވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ.

އަލީ އާދަމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން، ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މާދަމާއިން ފަށައިގެން ވަކިގޮތެއް ކަނޑައަޅަންދެން އަލީ އާދަމް ވަނީ ސަސްޕެންޑުކޮށްފައި ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.