ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ސާލިހު އިއުލާން ކުރެއްވީ މިރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތް، ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތައް ދިނުމާއި، ރަށްރަށުގެ ސްކޫލުތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ޕްރިންސިޕަލުން ތަމްރީނުކޮށްގެން ރަށްރަށުގެ ސްކޫލުތަކަށް ގެންދެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުންނަށް ދިމާވާ އެއް ކަމަކީ ރަށް ދޫކޮށް، އެހެން ރަށެއްގައި ދިރިއުޅެން ޖެހުން ކަމަށެވެ. އަދި ގެދޮރު ކުއްޔަށް ހިފަން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"މިއަދު އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުންނަށް ދިމާވާ އެއް ކަމަކީ ރަށް ދޫކޮށް، އެހެން ރަށެއްގައި ދިރިއުޅެން ޖެހުން. ދިރިއުޅެން ޖެހުމުން ލިވިންއަށް، ގެދޮރު ކުއްޔަށް ހިފަން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ އެބައާދޭ. އޭގެ ޕްރިންސިޕަލުން އަޅުގަނޑުމެންނާ ބައްދަލުކޮށް، ވާހަކަދެއްކި. އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދައިދިނުމަށް މިހާރު ވާނީ ނިންމާފައި. އެގޮތުން އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެެލަވަންސެއްގެ ގޮތުގައި އިތުރު 7000 ރުފިޔާ އަޅުގަނޑުމެން ދޭން މިހާރު ނިންމައިފިން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ހަމައެކަނި ރާއްޖެތެރޭގެ އެކިއެކި ސްކޫލުތަކުގައި 1200 އަށްވުރެ ގިނަ ސްކޫލު ހަދައި، 80 އަށްވުރެ ގިނަ މަލްޓިޕާޕަސް ހޯލު ހެދިފައިވާ ކަމަށެވެ. އަދި އެކަންކަން އެމަނިކުފާނަށް ކޮށްދެވޭނީ ވެރިކަމުގައި ހުންނަވައިގެން ކަމުން ރައްޔިތުން އެކަމާ ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.