މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހުމަދު އަދީބު، ސިންގަޕޫރުގެ ބޭސްފަރުވާއަށްފަހު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

އެމްޓީޑީން ހާމަކުރި ގޮތުގައި، އަދީބު ރާއްޖެ ވަޑައިގެންނެވީ ސިންގަޕޫރް އެއާލައިނުން ރޭ 10:10 ގައި ކަމަށެވެ.

އަދީބު މާލެ ވަޑައިގެންނެވީ ފަރުވާއަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައި އޮތްކަމުގައިވިޔަސް، ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައިވާތީ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށް އެމްޓީޑީން ބުންޏެވެ. އަދީބަށް ބޭނުންވާ އިތުރު ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ އަންނަ މަހުގައި ކުރިއަށްގެންދާނެ ކަމަށްވެސް އެމްޓީޑީން ވަނީ ބުނެފައެވެ.

"ފަރުވާއަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައި އޮއްވައި ވެސް، އެނބުރި އައީ ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައި ވާތީވެ އަދި ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް،" އެމްޓީޑީން ބުންޏެވެ.

އަދީބަށް ބޭނުންވާ އިތުރު ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ އަންނަ މަހުގައި ކުރިއަށްގެންދާނެ ކަމަށް އެމްޓީޑީން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ވަނީ މިމަހުގެ 20 ވަނަ ދުވަހު އަދީބުގެ ބޭސް ފަރުވާގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ.

ބޭސްފަރުވާ އަށް އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އަދީބު ހުންނަވަނީ ގޭ ބަންދުގަ އެވެ.