މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ދެލަނޑާއެކު ވަރުގަދަ އަލް އަހްލީގެ މައްޗަށް 4-3 އިން އަލް ނަސްރު ރޭ ކުރިހޯދައި ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނަސްރަށް މެޗުގެ 4 ވަނަ މިނެޓުގައި ލީޑް ނަގައިދިނީވެސް ރޮނާލްޑޯއެވެ. ނަސްރުގެ ލީޑް 17 ވަނަ މިނެޓުގައި ފުޅާ ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޓަލިސްކާއެވެ. މިއީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ. ޓަލިސްކާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހުމަށްފަހުއެވެ.
ލިވަޕޫލްގެ ކުރީގެ ތަރި ރޮބާޓޯ ފިރްމީނޯ އާއި މެންޗެސްޓަރ ސިޓީގެ ކުރީގެ ވިންގަރ ރިޔާދް މަހްރޭޒް، ނިއުކާސަލްގެ ކުރީގެ ފޯވާޑް ސެއިންޓް މެކްސިމައިން، ބާސެލޯނާ އާއި މިލާނުުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ކެސީ އަދި ޗެލްސީގެ ކުރީގެ ކީޕަރު އެޑްއާޑް މެންޑީ ކުޅެމުންދިޔަ އަލް އަހްލީއިން ފަރަގު ކުޑަ ކުރީ 30 ވަނަ މިނެޓުގައި ކެސީ ކާމިޔާބު ކުރި ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރުމަށް އަހްލީން މަސައްކަތް ކުރަމުން ދަނިކޮށް ނަސްރުން އަނެއްކާވެސް ލީޑް ފުޅާކުރީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޓެލިސްކާގެ ލަނޑަކުންނެވެ.
ދެވަނަ ހާފް ފަށައިގެން އަހްލީއަށް ހަމަޖެހިލީ 50 ވަނަ މިނެޓުގައި މަހްރޭޒްގެ ޕެނަލްޓީއިން ފަރަގު ކުޑަކޮށް ނަސްރު ހާސްކޮށްލިއެވެ. އެކަމަކު އޭގެ ދެމިނެޓްފަހުން އޭރިޔާ ބޭރުން ކެޕްޓަން ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑުން 4-2 އަށް ނަސްރުން ނަތީޖާ ބަދަލު ކޮށްލައި އެޓީމުގެ ވަރުގަދަކަން ދެއްކިއެވެ. ރޮނާލްޑޯ މިލަނޑު ޖެހުމާއެކު ނަސްރުގެ ސަޕޯޓަރުން ވަނީ "ކްރިސްޓިއާނޯ ރޮނާލްޑޯ" ގެ އަޑުން ދަނޑު ގުގުމާލާފައެވެ.
މެޗް ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ފޯރި އިތުރަށް ގަދަވާގޮތްވީ އަހްލީގެ ފެރާސް އަލްބްރިކާން ލަނޑެއް ޖެހުމުންނެވެ. އެކަމަކު މެޗް ނިމުމުގެ ކުރިން އަހްލީއަށް އިތުރު ލަނޑެއް ޖެހޭ ގޮތެއްނުވިއެވެ.
މިނަތީޖާއާއެކު ތާވަލުގެ 5 ވަނައިގައި ނަސްރު އޮތީ މިހާތަނަށް ކުޅުނު 7 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވިނަމަވެސް ޖެހިގެން އައި ފަސްމެޗުވެސް އެޓީމުންް ވަނީ ކާމިޔާބު ކޮށްފައެވެ. ތާވަލުގެ 6 ވަނައިގައި އަހްލީ އޮތީވެސް 15 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކަރީމް ބެންޒީމާ އާއި އެންގްލޯ ކަންޓޭ ކުޅެމުން އަންނަ އަލް އިއްތިހާދެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނޭމާ އާއި މިޓްރޮވިކް އަދި މަލްކޮމް ކުޅެމުން އަންނަ އަލް ހިލާލްއެވެ.