ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިމާއި ފްލެޓަށް ކުރިމަތިލާން ރޭ ހުޅުވާލައިފި އެވެ.
ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ބިމާއި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވައިލާނެކަން އިއުލާން ކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޕްލޭނިންގް މިނިސްޓްރީން ވަނީ އެކަމަށް ހުޅުވާލައިފަ އެވެ. އެގޮތުން 8،000 ފްލެޓު ދޫކުރަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އަދި 4،500 ގޯތި ދޫކުރަން ނިންމީ އުތުރު ތިލަފަޅުންނެވެ.
ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން، އަކްރަމް ކަމާލުއްދީން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމުން ފުރަތަމަ ހުޅުވާލައިގެން ކުރިމަތިލީ ޕޯޓަލް އިން މިފަހަރު ވެސް ފްލެޓާއި ގޯއްޗަށް އެދެވޭނެ ކަމަށެވެ. އަދި މިފަހަރުގެ ސްކީމްގައިވެސް ބައިވެރިވެވޭނީ މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅެ، ނުވަތަ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގޯއްޗަށް އެދުމުގެ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުމުރުން 18 އަހަރުވުމުގެ އިތުރުން ބިންވެރިޔާ ސްކީމުން މީގެ ކުރިން ގޯއްޗެއް ލިބިފައި ނުވުމެވެ. ފްލެޓެއް ލިބިފައި އޮތަސް މި ފިޔަވަހިން ގޯއްޗަށް އެދެވޭނެ ކަމަށެވެ.
އުސޫލްގައިވާ ގޮތުން، ވަކިން ކުރިމަތިލާ ނަމަ ލިބޭނީ 1250 އަކަފޫޓެވެ. އެކަަމަކު ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ކުރިމަތިލާ ނަމަ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެ އެވެ. ޖޮއިންޓް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެން ގިނައިން ތިބި ނަމަ 4،000 އަކަފޫޓް ލިބޭނެ އެވެ.
ފްލެޓަށް ކުރިމަތިލާ މީހާގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ފަރާތަކުން ވިއްކާފައިވާ ފްލެޓެއް ގަނެފައި ނުވުމާއި މަހަކަށް ޖެހޭ އާމްދަނީ 60،000 ރުފިޔާ އަށް ވުރެން އިތުރު ނުވުން ހިމެނެ އެވެ.
މީގެއިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ބިންތައް ދޫކުރި ބައެއް ސަރަހައްދުތައްވެސް އަދި ހިއްކައި ނުނިމެ އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮތް ފަޅު ހިއްކަން ފެށީ މިދިޔަ ހަފްތާގަ އެވެ. އެހެންނަމަވެސް އެތަނުންވެސް އޮތީ ގޯތި ދޫކޮށްފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ދޫކުރި އިރު އެތަންވެސް މުޅިން ހިއްކައެއް ނުނިމެ އެވެ. ސަރުކާރުން ބުނެފައިވަނީ ގިރާވަރު ފަޅުގައި ހިއްކައި ނިންމާފައިވާ ބިމުން މިހަފްތާގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށެވެ.