ރާއްޖޭން އީރާނާ އެކު ހާރިޖީ ގުޅުން ދިގު މެދު ކެނޑުމަކަށްފަހު އަލުން ގާއިމްކޮށްފިއެވެ.

އިއްޔެގައި އދ. ގެ 78 ވަނަ ޖެނެރަލް އެސެންބްލީގައި ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނޖސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުހަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީޔަން ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމާށް ފަހު އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހަތްއަހަރަށްފަހު އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ޝައުގުވެރިކަމުގެ ސަބަބުން ކަމަށެވެ.

ބަޔާނުގައި ވާގޮތުން ދެގައުމުން އެއްބަސްވެފައިވަނީ އިންވެސްޓުމަންޓާއި ވިޔަފާރިގެ ގުޅުމާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށެވެ.

މިނިސްޓްރީން ބުނީ މި ގުޅުމުގެ ސަބަބުން ދެގައުމުގެ ދޭތެރޭގައިވާ އެކުވެރިކަން ބަދަހި ކުރުމާއި ހަމަހަމަކަން ގާއިމު ކުރުމާއި ދެގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމަށެވެ.

ރާއްޖޭން އިރާނާ އެކު ގާއިމުކޮށްފައި އޮތް ގުޅުން ކަނޑާލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.