ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ އެކެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ދައުވަ އުފުލައިފައިވަނީ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލީމަނިކާއި އެ އަތޮޅު ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމުގެ މައްޗަށެވެ. ދެމިހުންގެ މައްޗަށްކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައިވަނީ އަބްދުﷲ އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށްސާބިތުވުމުން ކުރިމިނަލް ކޯޓުން މިއަދުވަނީ އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އޭނާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއުފުލާފައިވާ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މި ދެ މީހުން ހައްޔަރު ކުރި ދުވަހު ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ 6 މެއި 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރީން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު އެމީހުންގެ ދައުވާކުރީ ހަމައެކަނި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދެމީހުންގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ އާދަމް މިއަދު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ އަލީ މަނިކުގެ މައްޗަށް އެއްވެސް ޝައްކަކާ ނުލައި ކުށްސާބިތުވާ ވަރަށް ހެކިލިބި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ އެހެންނަމަވެސް ތަސްލީމްގެ މައްޗަށް ކުށްސާބިތުވާ ވަރަށް ހެލި ލިބިފައި ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މި ހުކުމަށްފަހު އަލިމަނިކު ބަންދުގައި ހުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ދިހަ މަހުގެ ޖަލު ހުކުމެކެވެ.

އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.

އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން ވަނީ ޖަލުން ފިލާފައެވެ.

އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ 18 ޖޫން 2021 ގައެވެ.

މުހައްމަދު ތަސްލީމަކީ، އަމިއްލަ އޮފީހެއްގެ ތެރޭގައި ބޮމެއް ހަދަން މަސައްކަތް ކުރި މައްސަލައިގައި 2017 ވަނަ އަހަރު ހައްޔަރުކުރި މީހެކެވެ. މެއި 6 ގައި މަޖިލިސް ރައީސް ނަޝީދަށް ހަމަލާދިނުމަށް އިރުޝާދު ދިނީ ތަސްލީމު ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.