"އާބަން ގްލައިޑް" ގެ ނަމުގައި އާބަންކޯގެ ފަރާތުން ހުޅުމާލެއަށް ތައާރަފްކުރި އީ-ސްކޫޓަރގެ ހިދުމަތް އާންމުނަށް ހުޅުވާލައިފިއެވެ.

އާބަންކޯއިން މިހާރުވަނީ ހަތަރު ސްކޫޓަރ ޚިދުމަތަށް ނެރެފައެވެ. އެތަކެތި ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި އެކަމަށް ހާއްސަކޮށްފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓަރިން ދުއްވާ މި ސްކޫޓަރުތައް ދުއްވަން ބޭނުންވާނަމަ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ޖެހޭނޭ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ސްކޫޓަރ އިފްތިތާހު ކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެކްޒެކެޓިވް އިލްޔާސް އަހުމަދެވެ.

މި ރަސްމިއްޔާތުގައި އިލްޔާސް ވިދާޅުވީ، އީސްކޫޓަރގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ތިމާވެށްޓާ ރައްޓެހި، ހަރަދުކުޑަ ސްކޫޓަރއެކެވެ. އެހެން ކަމުން މި ޚިދުމަތުގެ ސަަބަބުން ރައްޔިތުންނަށް ފައިދާ ކުރާނޭ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާބަންކޯގެ މޭނެޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް މިހާރު ހުރި އުސޫލުތައް ތަންފީޒުކޮށް، ޑިޖިޓަލް އިންފްރާންސްޓްރަކްޗަރ ގާއިމުކުރުމަށް ލައިސަންސެއް ބޭނުންވާ ކަމަށެވެ. އަދި ގިނަ މަޝްރޫތައް ހިންގި ނަމަވެސް އެ ކަންކަން ރައްޔިތުން ބަލައި ނުގަތުމުން އެކަން ނާކާމިޔާބުވާތީ، މިހާރު ޓެސްޓު ބުރުތައް ބާއްވައިގެން ރައްޔުތިން ބަލައިގަންނަވަރު ދިރާސާކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި ސިޓީތައް ކަމަށްވާ ކުޅުދުއްފުށި، ފުވައްމުލައް އަދި އެހެނިހެން ސިޓީތަކަށްވެސް އީސްކޫޓަރ ތައާރަފް ކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލްތަކާ ވާހަކަ ދައްކާ މަޝްވަރާކުރާނެކަމަށެވެ.

ސްމާޓް ސިޓީ ސޮލިއުޝަންސްގެ މެނޭޖަރ އަހުމަދު ނައުފަލް އަބްދުލް ހާދީ ވިދާޅުވީ، މި ހިދުމަތް ލިބިގެންދާނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުނަށް ކަމަށެވެ. ނަމަވެސް ބެލެނިވެރިޔާގެ ބެލުމުގެ ދަށުގައި ކުޑަކުދިންނަށް އެފުރުސަތު ލިބިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އާންމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު ކުޑަ ކުދިންނަށް ވަކި ގޮތެއް ފަހިކޮށްދެއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.