އަންނަ ހޮނިހިރު ދުވަހު ވޯޓު ދެއްވާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ސިޔާސީ ވިސްނުމާއި، ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް މުސްތަގުބަލު ބިނާކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެދިވަޑައިގެންފިއެވެ.

ސެމްބެ މިކަމަށް އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ކ. ހުރާ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސެމްބެ ވިދާޅުވީ ކުރިއަށްއޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް އަޒުމަކަށް ހަދަންވީ ސިޔާސީ ހިޔާލު ތަފާތުވުން އެއްފަރާތްކޮށް ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ މުއިއްޒު ހޮވައިގެެން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒަކީ ހުރިހާ ގޮތަކުންވެސް ކަމަށް ގާބިލު ހަރުދަނާ އަދި ގައުމު ހިންގުމުގެ ހުނަރު ހުރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މުސްތަގުބަލު ކަނޑައެޅުމުގައި އެންމެ ރަނގަޅު ޗޮއިސްއަކީ މުއިއްޒު ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހާލަތު ބަދަލު ވުމަށް ކަމަށާއި މިހާރުގެ ހާލަތު ބަދަލު ނުވެއްޖެނަމަށް ދެން ވެސް ރައްޔިތުން ތިބޭނީ މިހާރުވެސް ތިބި ހިސާބުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ހެޔޮ ރަނގަޅު މިސްރާބަކަށް ޤައުމު ގެނެދްވޭނީ އެމްޑީޕީގެ މެމްބަރުންގެވެސް އެއްބާރުލުން ލިބިގެން ކަމަށާއި މިއިންތިޚާބުގައި އެމްޑީޕީގެ ޢާންމު މެމްބަރުންވެސް ޤައުމީ މަސްލަހަތު އިސްކޮށް ޑރ. މުއިއްޒަށް ވޯޓު ދެއްވުމަކީ ޤައުމަށާއި، އެންމެންގެ ހާލަތަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.