މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އާއި އޭނާގެ ފިރިމީހާ، ރެޕް ލަވަކިޔުންތެރިޔާ އޭސޮޕް ރޮކީގެ ދެވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯ ތަކެއް އާންމުކޮށްފިއެވެ.

މުޅި އާއިލާ އެކުގައި ނަގައިފައިވާ މި ފޮޓޯ ތަކުގައި ރިހާނާ އާއި އޭނާގެ ފިރިމީހާއި ދޮށީ ދަރިފުޅުގެ އިތުރުން އެންމެ ފަހުން ލިބުން ކުއްޖާ ވެސް ހިމެނެއެވެ.

މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ރިޒާ އެތެލާސްޓަން މޭޔާސް އެވެ. އެ ދަރިފުޅު ލިބުނީ މިދިޔަ އަހަރު މެއި 13 ވަނަ ދުވަހު އެވެ.

ދެވަނަ ދަރިފުޅު ވިހާފައިވަނީ މިދިޔަ އޮގަސްޓު މަހުގައެވެ. ދެވަނަ ދަރިފުޅަށް އޭނާ ބަނޑުބޮޑުކަން އިއުލާން ކުރީ މި އަހަރުގެ ސުޕަރ ބޯލް ހާފްޓައިމް ޝޯވ ގައި ގެނެސްދިން އޭނާގެ ޕާފޯމެންސްގެ ތެރެއިންނެވެ.

ދެވަނަ ދަރިފުޅު ދައްކާލައިފައި މިވަނީ އެކުއްޖާ ލިބުނުތާ ދުވަސްތަކެއް ފަހުންނެވެ. ފޯޓޯތައް ފަހުން އާންމު ކުރިޔަސް މީގެ ދުވަސްކޮޅެއް ކުރިން އެކުއްޖާގެ ނަން ވަނީ އިއުލާން ކޮށްފައިއެވެ. އެ ދަރިފުޅަށް ކިޔަނީ، ރިއޮޓް ރޯސް މޭޔާސް އެވެ. އެ ނަމަކީ ރޮކީ އާއި ފެރެލް ވިލިއަމްސް އެކީގައި ކިޔާފައިވާ ލަވަ "ރިއޮޓް" އަށް ނިސްބަތްކޮށް ކީ ނަމެއް ކަމަށް އެމީހުން ވަނީ ހާމަކޮށްފައެވެ.

"އަމްބްރެލާ" ލަވަކިޔާފައިވާ ކާމިޔާބު ލަވަކިޔުންތެރިޔާގެ ދެވަނަ ދަރިފުޅު ވިހާފައިވަނީ ލޮސް އެންޖެލިސްގައެވެ.

"ޑައިމަންޑްސް" ގެ ހިޓްމޭކަރާއި "ސަންޑްރެސް" އާޓިސްޓަކީ ކުދިންދެކެ ވަރަށް ލޯބިވާ މަންމައެއް ކަމަށް އޭނާގެ ބޮޑުދައިތައަކު ވަނީ ބުނެފައެވެ. ހަތްއަހަރު ވަންދެން ލައިވް ޝޯވތައް ދިނުމާއި ސްޓޭޖުތަކާ ދުރުގައި ރިހާނާއަށް ހުރެވެނީ އޭނާގެ ހިތުގައި ކުދިންނަށް އޮތް ލޯތްބެއްގެ ސަބަބުންކަމަށް އޭނާގެ ބޮޑުދައިތަ ވަނީ ބުނެފައެވެ.