ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށާއި އަދި ކުދިންގެ ހިތުގައި ގުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ 'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ޝަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުހާތަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށްވެސް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިންކަމުގައި ވިދާޅުވެ، މުދައްރިސުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުދައްރިސުންނަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ހާއްސަ ކުރެހުމެއް އެކަމަނާއަށް އެރުވިއެވެ. މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.