ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގެ ބަހުސް މިއަދަށް އެޖެންޑާކޮށްފިއެވެ.

އެގޮތުން މި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މިއަދު ހެނދުނު 11:00 ގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި މި އިސްލާހަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

ނިޔާޒުގެ އިސްލާހުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެއެވެ. ނަމަވެސް ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އިރުޝާދުތަކުގެ މަތީން ކަމަށް ބަޔާންކޮށްފައިވެއެވެ.