ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު އެ މަދަރުސާގައި ކުރިއަށް ގެންދިޔަ ސެޝަނުގައި ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަން ބުނެދީފައިވާ ކަމަށެވެ. އަދި އެފަދަ ކުށްތަކަށް ހުށަހެޅެނީ ކިހިނެއްކަމާއި އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އަދި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުގެ ޝިކާރައަކަށް ވެއްޖަނަމަ ދިމާވެދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށާއި އެގޮތުން، އެފަދަ ކަމެއް ދިމާވުމުން ބެލެނިވެރިންނަށް އެކަން ސިއްރުނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން އެފަދަ ކަންކަން ސިއްރުކޮށްގެން އުޅޭނަމަ ޑިޕްރެޝަނާއި އެންޒައިޓީ އަދި އަމިއްލަ ނަފުސަށްކުރާ އިތުބާރު ގެއްލިގެންދިއުން ފަދަ ކަންކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ތަފާތުއެކި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތާއި އިންޓަނެޓުގައި އާންމުކޮށްގެން ނުވާނެ ޒާތީ މައުލޫމާތުތައް ބުނެދިނުމާއެކު ދަރިވަރުންގެ މެދުގައި ގްރޫޕް މަސައްކަތްތައްކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.