މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭ 1-4 އިން ބަލިކޮށް ނޭޕާލްއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ އިއްޔެ ކަށަވަރުކޮށްފިއެވެ.

ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ދަޝްރަތު ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނޭޕާލްއިން ފުރަތަމަ ހާފްގައި ދެލަނޑު ޖެހިއެވެ. ދެވަނަ ހާފްގައި ރާއްޖެއިން ވަނީ ލަނޑު ޖަހައި އުއްމީދު އައު ކޮށްފައެވެ. ރާއްޖެއަށް ލަނޑު ޖަހާދީފައިވަނީ އާދަމް ލަޔާން ރަޝީދެވެ. ނޭޕާލްގެ ފުރަތަމަ ދެ ލަނޑު ޖެހީ ޕްރަޝާންތް ލަކްސަމްއެވެ. ދެވަނަ ލަނޑު ޖެހީ ސާމިރު ތަމަންގްއެވެ.

ނަމަވެސް ރާއްޖެއިން އިތުރު ލަނޑެއް ނުޖެހެނިސް ނޭޕާލްއިން ވަނީ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ނޭޕާލްއަށް އެލަނޑު ޖަހާދީފައިވަނީ އެ ޓީމުގެ ނިރާޖަމް ދަމީއެވެ. އަދި ނޭޕާލުން އެމީހުންގެ ހަތަރު ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައެވެ. އެ ލަނޑުވެސް ޖަހާދިނީ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިން ސާމިރު ތަމަންގްއެވެ.

މެޗުގެ ވަކި ހިސާބަކުން ދެ ޓީމުވެސް ކުޅުން ކުރިއަށް ގެންދިޔައީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުމެއްގެ ސަބަބުން ދެ ޓީމަށް ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ރަތް ކާޑު ދައްކާފައިވަނީ ރާއްޖޭގެ ކުޅުންތެރިޔާ މުހައްމަދު އިޔާން ހަސަންއަށެވެ. ދެން ކާޑު ދައްކާފައިވަނީ ނޭޕާލްގެ ސުޖަން ޑަންގޯލަށެވެ.

ސެމީ ފައިނަލްގައި ނޭޕާލްއިން ވާދަކުރާނީ ޕާކިސްތާންއާއެވެ. އަނެއް ގްރޫޕުން ސެމީއަށް ދަތުރުކުރީ އިންޑިޔާއާއި ބޫޓާނެވެ.