މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްގީކުރި "ޗައިލްޑްކެއާ ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައި ދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައެވެ.

އެތަން ހުޅުއްވައި ދެއްވުމަށްފަހު، މެޑަމް ފަޒްނާވަނީ އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މިތަން ތަރައްގީކޮށްފައި ވަނި، އާބަންކޯ ހެޑް އޮފީހުގެ ދެ ވަނަ ފަންގިފިލާގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ތިން މުވައްޒަފަކު މަސައްކަތް ކުރަމުންދާނެއެވެ. އަދި މިތަން ހާއްސަކޮށްފައި ވަނީ އުމުރުން ތިން އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ހިލޭ ބަލަހައްޓައިދޭނެއެވެ.

މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއްނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.