ރިޔާސީ އިންތިހާބާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި, ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު ފާހަގަކުރެވުނު ކަންކަންމާއި ފުލުހުންގެ ފަރާތުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އިންތިހާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތާއި އެކިއެކި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އޮޕަރޭޝަން ބްލޫވޭވްގެ ޑެޕިއުޓީ ކޮމާންޑަރ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިސްވެރިންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނައިބު ރައީސް އާއި ބައެއް މެމްބަރުން ބައިވެރިވެލެއްވިއެވެ.