ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފިއެވެ.
އިންތިޚާބުގެ ވޯޓުކަރުދާސް ބޭރުވެފައިވާ ކަމަށް އޭނާ ވިދާޅުވީ ލ. ގަމުގައި ރޭ ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިކަމާ ގުޅިގެން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމެއް އެކޮމިޝަނަށް އެއްވެސް ވަރަކަށް އެނގިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ބޭފުޅުން މިގޮތަށް ދައްކަވާ ސިޔާސީ ވާހަކަތަކަށް ވިދާޅުވާނެ ވާހަކައެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތިޔައީ އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އެނގިފައި އޮތް ކަމެއްނޫން. ދެން ސިޔާސީ ބޭފުޅުން ތިޔަހެން ދައްކަވާ ވާހަކަތަކަށް އަޅުގަނޑުމެން ބުނާނެ ވަކި އެއްޗެއްވެސް ނެތް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ދެނެހުރިކަމެއްނޫން ތިޔަކަމަކީ،" ހަސަންޒަކަރިއްޔާ ވިދާޅުވިއެވެ.
ރޭގެ އެ ޖަލްސާގައި އަދުރޭ ވިދާޅުވީ އެމްޑީޕީއިން ރަށްރަށަށް ޒިޔާރަތްކޮށް، އިސްރަށްވެހިންނާ ބައްދަލުކޮށް ވޯޓުކަރުދާސް ކޮޅު ދިނުމަށްފަހު ފާހަގަ ޖެހުމަށް އެދޭކަމަށެވެ. މީގެއިތުރުން އަދުރޭ ވިދާޅުވީ އެގޮތަށް ވޯޓުކަރުދާސް ބޭރުކޮށްގެން އިންތިހާބުން ވައްކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ދިވެހި ރައްޔިތުން މިފަހަރު ތިބީ ވޯޓު ވިއްކާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލ. އަތޮޅުގެ ކޮންމެ ރަށަކަށް ބެއްޔަސް މިހާރު ޓީމު ބޮޑު ވާނީ ޕީޕީއެމް ޕީއެންސީ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ތުހުމަތުކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވައި ދޭންޖެހޭ،" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހިންނަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. ވީމާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
އީސީ އަކުން ދުވަހަކުވެސް ނުހަދާނެ ތެދެއް
ވަރަށް ފުރިހަމަ