ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ބޫތު ތަކާ ހިލާފަށް، ދެވަނަ ބުރުގައި ބަހައްޓާ ބޫތުތައް ބޮޑަށް ނިވާވާ ގޮތަށް ހުންނާނީ ޑިޒައިން ބަދަލުކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓްގެ ސިއްރުކަން ހިފެހެއްޓޭ ގޮތަށް ވޯޓިން ބޫތުގެ ޑިޒައިނަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މި އަންނަ އިންތިހާބުގައި ބޫތަށް އަންނާނެ ބަދަލުތަކަކީ:

  • ބޫތު ތަކުގެ އެންމެ ތިރިން ބައެއް ކަނޑާލައި ދެ އަަރިމަތިން ބޮޑަށް ނިވާ ވާ ގޮތަށް ބަދަލުކުރުން
  • ފާހަގަ ޖެހުމަށް ފަސޭހަ ކުރުމަށް ފާހަގަ ޖަހާ މޭޒުމަތީގައި ބްރިސްޓަލް ބޯޑު ބޭނުން ކުރެވުން
  • ފާހަގަ ޖަހާ ގަލަން ބަދަލުވުން
  • ވޯޓުލާ ބޫތަށް ގެނެވޭ ބަދަލުގެ ސަބަބުން ބޫތުތެރެއަށް ވޯޓުލާ މީހާއަށް ވަނުމުގެ ފުރުސަތު ލިބުން.

މި ބަދަލުތަކާއެކު ވެސް ބޫތުތައް އަދިވެސް ހުންނާނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރި ގޮތަށެވެ. މި ފަހަރު ބޫތުތައް ހުންނާނެ ގޮތުގެ މިސާލެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމު ވެސް ކޮށްފަ އެވެ. އަދި ބޫތުގައި ހުންނަ އިރު ވޯޓުގެ ސިއްރުކަަން ހިފެހެއްޓޭނެ ފަދަ ގޮތަކަށް ހުރުމަށް އީސީ އިން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.

މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް މި މަހުގެ 9 ވަނަ ދުވަހު ވޯޓުނެގި ބޫތު ބަހައްޓާފައި ވަނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށެވެ. އޭގެ ސަބަބުން ބައެއް މީހުން ވޯޓްލާ ގޮތް ފެންނާތީ އާންމުންގެ ފާޑު ކިޔުން އިލެކްޝަން ކޮމިޝަނަށް އަމާޒުވެ ވޯޓުގެ ސިއްރުު ކަމާ މެދު މީހުން ސުވާލު އުފެއްދި އެވެ.

އެހެންކަމުން މި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޫތު ބަހައްޓާ ގޮތަށް ބަދަލުތަކެެއް ގެންނާނެ ކަމަށް އީސީން ވަނީ ކުރިން ވެސް ބުނެފަ އެވެ.