ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ރަނގަޅަށް ނުކުރެވުނު ކަންކަން އިސްލާހު ކުރެއްވިއްޖެ ނަމަ، ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޕޯޓަރުންނާއި ކެންޕޭން ޓީމުތަކާ ބައްދަލު ކުރައްވައި ވިދާޅުވީ އިސްލާހުކުރަން ޖެހޭ މަސައްކަތުގައި މެމްބަރުން ސާބިތުވެ ތިއްބެވުމަށެވެ.
ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު އެއް ކަމަކީ ވޯޓުލާން ތިބި މީހުންނާ ކުރަން ޖެހޭ މުއާމަލާތްތައް ނުކުރެވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފޯން ކޯލްތައް ނާންނަ އެމްޑީޕީގެ އެތައް މެމްބަރުންތަކެއް ތިބި ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަށް، ރައްޔިތުންނަށް ރީޗްވެވިފައެއް ނެތް. އަޅުގަނޑުމެންގެ މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލު ނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން މީހުން ނެރެން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު އިރު، އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް އޮތީ ނުކުރެވި ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ އެއް ކަމަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވެސް ވޯޓު ގެއްލުނު ކަމެއް ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ވިސްނުމާއި ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓީ އެބައޮތް. މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔުިތުންނަށް ހާމަކޮށްދިނުމެވެ. އެ މަސައްކަތް މިދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ،ކުރެވިއްޖެ ކަމަށާއި ކުރިއަށް މިއޮތް ދެދުވަހުގެ ތެރޭގައި ވެސް އެމަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް މި ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ހާމަކުރައްވައި، ރައީސް ސާލިހު ވިދާޅުވީ މިދިޔަ ފަސް އަހަރާއި މީގެ ކުރީގެ ފަސް އަހަރާ އަޅާކިޔާއިރު ތަރައްގީއަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނާނެ ކަމަށެވެ.