އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލެއަތޮޅު ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ހެނދުނު ތަކެތި ފޮނުވަން ފަށާފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ މާލެ އަތޮޅަށް ތަކެތި ފޮނުވާނީ މާދަމާ ކަމަށެވެ.

"ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން. އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު. އަތޮޅުތަކަށް ފޮނުވޭ ތަކެތި މާދަމާ ހެނދުނުން ފެށިގެން، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފޮނުވޭނެ،" ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރަށްރަށަށްދާ ފުލުހުން ވެސް މިއަދު ވަނީ ރަށްރަށަށް ދިއުމަށް ފުރައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 282،804 މީހަކަށް ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވެއެވެ. ދެވަނަ ބުރުގައި ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެން ކަމުން މިފަހަރު ބަހައްޓާ ވޯޓުފޮށީގެ ޖުމްލައަކީ 586 އެވެ.