ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ޤާނޫނަށް ހުށައެޅި އިޞްލާހު މަޖިލީހުން ބަލައިގެންފިއެވެ.

މި އިޞްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިޞްލާހުގެ ބިލް މަޖިލީހަށް ބަލައިގަތުމާއި ގުޅިގެން ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ހުށައަޅާފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.އެޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާހު ހުށައެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެންނަ މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެނައުމާއި، އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ހިމެނެއެވެ.