ހަނދާނަށް އަންނަނީ މާޒީއެވެ. ސްކޫލުގައި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވަމުން ދިޔަ ދުވަސްތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ފޯރީގައި ބައިވެރިވަމުން ދިޔަ އެއްކަމަކީ ބައިތުބާޒީ ކުރުމެވެ. ފިސާރި ޖޯޝާއެކު އަދަބީ ވިންދު ޖަހާ ހިތަކާ އެކުގައެވެ.
ބިސްމީގެ ބަރަކާތުން އަޅު ފަށްޓަމޭ ބައިތުބާޒީ ކުރަން
ވިސްނުމަށް ގިނަބައިތުތައް ގެނުވާށީއޭ އާމީން ކިޔާ
މިއީ ބައިތުބާޒީ ފަށަން އޭރު އާންމުކޮށް ބޭނުންކުރާ ބައިތެވެ. މި ބައިތު އެކަނި އަޑު އިވުނަސް މިހާރުވެސް ގައިން ހީބިހި ނަގައެވެ. ހިތް ޝައުގުން ފުރިދެއެވެ. އަދަބިއްޔާތުގެ މީރުކަމުގެ ރަހަ އިހުސާސް ކުރެވެއެވެ. ނަމަވެސް އެއީ މާޒީއެވެ.
ދިވެހިރާއްޖޭގެ ސުކޫލުތަކުގެ އަދަބީ ޙަރަކާތް ތަކުގައި ބައިތުބާޒީ ކުރާތަނެއް މިހާރަކު ނުފެނެއެވެ. ސަބަބަކީ ކޮބައި ކަމެއެއް ނޭނގެއެވެ. ނަމަވެސް އަޅުގަނޑުމެން ކުޑައިރު ރަށްރަށުގެ ސުކޫލު ތަކުގަޔާއި މާލޭގެ ސުކޫލު ތަކުގައިވެސް ދިވެހި އަދަބީ ޙަރަކާތްތަކުގައި ބައިތުބާޒީ ހިމަނާފައި ވެއެވެ. އަދި މިއީ ކުދިން ވަރަށް ފޯރި އާއި ޝައުގުވެރިކަމާއެކު ބައިވެރިވާ ޙަރަކާތެކެވެ.
މަދުން ނަމަވެސް ރާއްޖޭގެ ރަށްރަށުގެ ސުކޫލުތަކުގައި ބައިތުބާޒީ މުބާރާތްތައް ބާއްވާކަމަށް ވެއެވެ. ނަމަވެސް މާލޭގެ ސުކޫލު ތަކުގައި ބައިތުބަޒީ ކުރުން ހުއްޓާލިތާ ދުވަސް ގަނޑެއްވެއްޖެއެވެ. އެހެންނަމަވެސް ބައިތުބާޒީ ކުރާހިތްވާ ދަރިވަރުން މިހާރުވެސް ސުކޫލުތަކުގައި ތިބޭނެކަން ޔަޤީނެވެ. މިކަމަށް ހެކި ލިބޭ ކަމެއް ވަރަށް ފަހުން އަޅުގަނޑަށް ފެނުނެވެ.
އަޅުގަނޑު ފާއިތުވި އަހަރުގެ ޑިސެންބަރު މަހު ރާއްޖޭގެ ރަށެއްގައި ޗުއްޓީ ހޭދަކުރީމެވެ. އަޅުގަނޑު ހުރި ގެއަކީ އާއިލާގެ ވަރަށް ގިނަ ކުދިން އައިސް ކުޅިވަރު ކުޅެ ހަދާ ގެއެކެވެ. މި ގޮތަށް އައިސް އުޅޭ ކުދިން ކެރަމް އާއި ރާޒުވާފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ. އަދި ވަރަށް ގިނައިން ބަސްބާޒީ ކުޅެއެވެ. އޭގެ އިތުރަށް އަރަތް ކިޔުމާއި އޭކާކު ކިޔާ ކުޅިވަރެއް ވެސް ކުޅެއެވެ. މި ފަދަ ކުޅިވަރުތައް ކުޅެމުންގޮސް އެއްދުވަހަކު ކުއްޖަކު އެދުނީ ބައިތުބަޒީ ކުރާށެވެ. ނަމަވެސް ބައިތުބާޒީ ކުރަން އެނގޭ އިތުރު އެހެން ކުއްޖަކު ނެތުމުން އެއްވެސް ކުއްޖަކު މިކަމަކާ އެއްބަހެއް ނުވިއެވެ. ބައިތުބާޒީ ކުރަން ބޭނުންވި ކުއްޖާ މާޔޫސް ވުމުން އަޅުގަނޑު އޭނާއާއެކު ބައިތުބާޒީ ކުރުމަށް އެއްބަސް ވެއްޖައީމެވެ. އެދުވަހު އޭނާ ޖޯޝުން ފުރިފައިވާ ވަރަށް ގިނަ ރީތި ބައިތުތައް ކިޔާލިއެވެ. ނަމަވެސް ބައެއް ބައިތުތައް ކިޔަންފަށާފައި ހަނދާން ނެތިގެން ހުއްޓާލަން ޖެހެއެވެ.
އޭގެ އަނެއްދުވަހު މި ކުއްޖާ އައީ ޅެންތަކެއް ލިޔެފައިވާ ފޮތެއް ހިފައިގެނެވެ. އެދުވަހު ވެސް އޭނާ ބޭނުންވީ ބައިތުބަޒީ ކުރާށެވެ. ވަރަށް ގިނައިރުވަންދެން ފޫހި ކަމެއްނެތި ފޮތް ބަލައިގެން އޭނާ ބައިތުކިޔަމުން ގެންދިޔައެވެ. މިކަމުން އެނގުނީ ދަރިވަރުން އަދިވެސް ބައިތުބަޒީއަށް ޝައުގުވެރި ވާކަމެވެ. ނަމަވެސް އަދަބީ ޙަރަކާތުން މިބައި އުނި ވެގެން މި އުޅެނީ ކީއްވެގެން ކަމެއެއް ނޭނގެއެވެ. އަޅުގަނޑު މި ކުއްޖާއާ ވާހަކަ ދައްކާލުމުން އެނގުނީ އޭނާ ކިޔަވާ ސްކޫލުގައި ބައިތު ބާޒީ މުބާރާތްތައް ބާއްވާ ކަމެވެ. އަދި އޭނާ އެ މުބާރާތް ތަކުގައި ބައިވެރިވާކަމަށް ވެސް ބުންޏެވެ.
އަސަރުގަދަ ބައިތުތައް އޭގެ ރާގުގައި ކިޔުމުން ހިތަށް ފިނިކަން ލިބެއެވެ. ހިތްހަމަޖެހުން ލިބެއެވެ. ފޯރި އާދެއެވެ. ބައިތުބާޒީ ކުރާތަން ބަލާ އަޑު އެހުމަކީ ވެސް ވަރަށް ގިނަ ދިވެހިން މިހާރުވެސް ޝަޢުގުވެރި ވާކަމަކެވެ. އެހެންކަމުން މަދަރުސާތަކުގެ އަދަބީ ޙަރަކާތްތަކުގައި ބައިތުބާޒީ އުނިކުރަންވީ ކީއްވެހެއްޔެވެ؟ އަލުން މި އަދަބީ ޙަރަކާތް ދިރުވައި އާލާކުރުން ރަނގަޅެއް ނޫން ހެއްޔެވެ؟