އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މާހައުލާއި އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދީ އުޅަނދުފަހަރު ޕާކުކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ސެޕްޓެމްބަރ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތެއްގައި އެމްޕީއެލް ސަރަހައްދަށް ވަޑައިގެން އެސަރަހައްދުގައި މަސައްކަތްކުރާ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ މަޖޫރީންގެ އިތުރުން ތަފާތު މަސައްކަތް ކުރާ އެހެން ފަރާތްތަކާ ދިމާވެ، ކަންބޮޑުވުންތައްް ހިއްސާކޮށްފައިވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންގެ ކަންބޮޑުވުން ތަކަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިިދެއްވާނޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މި ބައްދަލުވުމަށް ވަޑައިގެންނެވުނީ ވަގުތުގެ ދަތިކަމާއެކު ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އިތުބާރު ކުރައްވާނެކަން ޔަގީންކުރައްވާކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލެއާއި އަތޮޅުތެރޭ ރަށެއްގައި ވިޔަސް ސިޔާސީ މަގާމްތަކުން ފިޔަވައި އެހެން އެއްވެސް މަގާމެއްގައި ވަޒީފާ އަދާ ކުރާމީހަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށެވެ. އަދި ހަމައެހެންމެ މަސައްކަތުގެ މާހައުލަށް ގެންނަވަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް އިތުރު ވަޒީފާތައް އުފައްދަވައި އާމްދަނީ އިތުރުވާނެ ގޮތްތައް ހަމަޖައްސަޗައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހުރިހައި ރައްޔިތުންނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި ބަޔަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ދިވެހިންގެ ގެދޮރުވެރިކަން ޔަގީން ކުރުމަށް ހިންގާ މަޝްރޫޢުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޕީއެލް ސަރަހައްދަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަނީ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓަށް ވަޑައިގެން އެ ދެ ތަނުގެ ކަންކަން ހުރިނެތްގޮތް ބައްލަވާލައްވައިފައެވެ. އޭގެއިތުރުން މަސްދޯނިފަހަރަށް އަރާވަޑައިގެން މުއިއްޒު ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝުއޫރުތައް އަޑުއައްސަވައިފައެވެ.
ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ކެމްޕެއިންގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ޑރ މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވަނީ މާލޭގައި ގާއިމްކޮށްފައިވާ ފުވައްމުލަކު މެދު ދާއިރާ ޖަގަހަ، "ވަތަނީ ވިންދު" ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލަވަކިޔުންތެރިޔާ އައްމަޑޭ އާއި އެހެންމެވސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމަށް ގުޅިވަޑައިގެން ސެންބެއާ ފޯމް ހަވާލުކޮށްފައެވެ.