ދޮގު ހަބަރުތައް ފަތުރައި މީހުން ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަކަށް މީޑިއާ ވެގެން ނުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އަމަން އަމާންކަމުގެ ނިއުމަތް" މި މައުޟޫއަށް އިއްވި ހުކުރު ހުތުބާގައި ބުނީ އިސްލާމް ދީނަކީ ހުރިހާ ތަނަކަށާއި، ހުރިހާ ޒަމާނަކަށް ކަމުދާ ގޮތުގައި މާތް ރަސްކަލާންގެ އަޅުންނަށް ޓަކައި ފުރިހަމަ ކުރައްވައި ރުހިވޮޑިގެންފައިވާ ދިރިއުޅުމުގެ ނިޒާމު ކަމަށެވެ. މި ނިޒާމުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއްކަމަކީ އަމަން އަމާންކަމެވެ. އެހެންކަމުން ހުތުބާގައި ބުނީ އެކަލާނގެއަށް ބިރުވެތިވެ ދޭދޭ ގުޅުންތައް ރަނގަޅު ކުރުމަށް އަމުރުކުރެއްވި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވެނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވާއިރު މިއަދުގެ ހުތުބާ މިހާރުގެ މަސްރަހަރުގައި ދެކެވޭ ދޮގު ހބަރު ފެތުރުމާއި، މީހުންގެ އަބުރު ނަގާލުމާއި، ހަގީގަތާ ހިލާފް ވާހަތައް ފެތުރުމުގެ މައްޗަށް ނުހަނު ބޮޑަށް ވަނީ އަލި އަޅުވާލާފައެވެ.

ހުތުބާގައި ބުނީ މާތް ރަސްކަލާންގެ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިން އަމަންއަމާންކަމާއި ހަމަޖެހުމާއި ނުލައި ހަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ކެއިންބުއިމަށްވުރެ ވެސް މުހިންމު ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހަމަޖެހުމާއި އަމަން އަމާންކަން ތަނެއްގައި އޮންނާނީ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އިޖްތިމާއީ ބަލިތައް ފުހެލެވިގެން ކަމަށާއި، ދުލުގެ އާފާތްތަކުން އެމީހުން ސަލާމަތްވެގެން ކަމަށް ހުތުބާއި ބުންޏެވެ. ފުރައްސާރަ ކުރުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި މަލާމާތްކުރުން ފަދަ ހުތުރު އަމަލުތަކާ ދުރުހެލިވާންޖެހޭ ކަމަށެވެ. އިސްލާމް ދީން އައިސްފައިވަނީ މިފަދަ އާފަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ތަނުގައި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށެވެ. ހަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށެވެ. މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި، މީސްތަނުންނަށް ހަގީގަތް ބަޔާންކޮށްދޭ މާތް ރަސްކަލާންގެއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ ދޮގު ހަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހަބަރުތައް ފެތުރުމުގައި އާއްމު ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި، ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ހަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށެވެ. އަދި ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށްވާތީ ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ޓްވީޓުތަކާއި ވައިބަރު ޗެޓްތަކާއި، ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް ހިންގަމުންދާތަން ފެންނަ ކަމަށާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ނުރުހުން އުފެދޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާ އިން ބުނެފައިވާ ގޮތުގައި މިއަދު އަހަރެމެން ހަނދާންކުރަންޖެހޭ އެއްކަމަކީ، ﷲ ގެ ދަރުމަވަންތަވެރިކަމުން، އަހަރެމެން ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމުގައި ވީކަމެވެ. އިސްލާމް ދީނަކީ އަމަށް އަމާންކަމާއި ސުލްހަވެރިކަމުގެ ދީނެއްކަމަށް ުހުތުބާ އިން ފާހަގަކުރައްވައެވެ.

އަދި އަހަރެމެން ތަބާވާންޖެހެނީ، އިލާހީ މަންހަޖަށް ކަމަށް ހުތުބާގައި ބުންޏެވެ. މި މަންހަޖުގައި ވަނީ، އަހަރެމެން އެކަތިގަނޑަކަށްވެ، އަމާންކަމާއި ހަމަޖެހުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. މި މަތިވެރި މަންހަޖާ އަހަރެމެން ދުރު ކުރުމަށް، ދީނުގެ އަޛުއްވުން ކުރަމުންދާ ހަނގުރާމައިން ސަލާމަތްވެ ރައްކާތެރިވުމަށް ހުތުބާ އިން ބުންޏެވެ. އަދި ދީނުގެ އަދުއްވުން ބޭނުންވަނީ، އަހަރެމެން މުސްލިމުން ބައިބަކޮށް، އަހަރެމެންގެ ސަފުތައް ރޫޅާލާލުމަށް ވެސް ހުތުބާ ގައި ވަނީ ބުނެފައެވެ.