ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.

ޝަރީފަށް ހަމަލާ ދިނީ މާލޭގައި ހުންނަ މެންހަޓަން ހޮޓަލުގައި އިންތިހާބާ ގުޅޭގޮތުން މަރަދޫ ދާއިރާގެ ބޭފުޅުންތަކެއް މަސައްކަތުގައި ތިއްބަވަނިކޮށް، ގޭންގަކުން ވަދެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަޔަކު ވަދެ ލޯ މަތީގައި ވަރަށް ބާރަށް ޖެހުމަށްފަހު ގޮސްފައިވާކަމަށެވެ. ޝަރީފްގެ ލޯމަތި ވަނީ ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ދުޅަވެސް ވެފައެވެ.

ފުލުހުން ބުނީ، މެންހަޓަންގެ ތެރޭގައި ހުންނަވަނިކޮށް ބަޔަކު ޝަރީފަށް ހަމަލާދިން މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔަކު ހަމަލާދިނުމުގެ ސަބަބުން ޝަރީފަށް އަނިޔާވެފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، ޝަރީފުގެ ވާތުލޮލާއިދިމާ ވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އަދި ނޭފަތްމަތިންވެސް ބައެއް ޒަހަމްތައް ފެންނަން ހުއްޓެވެ.