ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލަ އެޗްއާރުސީއެމްއިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މީގެއިތުރުން އެޗްއާރުސީއެމްއިން ވަނީ ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށާއި، މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަށާއި، މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޝަރީފަށް ހަމަލާދީފައިވާ ފޮޓޯއެއް އޭނާގެ ދަރިކަނބަލުންވެސް ވަނީ ޢާންމުކުރައްވާފައެވެ. އެގޮތުން ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައިވެއެވެ. އަދި ލޯކައިރި ވަނީ ކުޑަކޮށް ޒަހަމްވެފައެވެ. އަދި އައްޑޫ ފޭދޫ ދާއިރާގެ މެންބަރަށްވެސް ބަޔަކު ހަމަލާދީން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ނިހާދަށް ހަމަލާދީފައިވަނީ ފޭދޫގައި ހުންނަވަނިކޮށެވެ.