ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ވެރިކަމުގެ ބާރުތައް އެމަނިކުފާނަށް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖައްސަވަން މިއަދު ނަން ފޮނުއްވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ޤާނޫނުގައި ބުނެފައި ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ފަހު ކަމަށް ވިޔަސް ކަމާ ގުޅޭ ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުން ހަމަޖައްސައިދޭން ޖެހެއެވެ. އަދި އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ޤާނޫނުން ލާޒިމު ކުރެއެވެ.
އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރެވެ.