ބަހުރު ހިންދުގެ އުނގުމަތީ ވިދާބަބުޅާ މުތްތަކެއް ފަދަ ދިވެހީންގެ ފެހި ޖަޒީރާތަކުގެ ރީތި ކަމާއެވެ. މިތާގެ ޖަޒީރާތަކުގެ އަހުލުވެރި ދޫނިތައް އެ ކިޔައިދޭ ރީތި ލަވަތަކުގެ ހިތްގައިމު ކަމާއެވެ. މި ޖާޒީރާތަކުގެ ބަނޑުދަށުގައި ބީހެމުންދާ ހިމޭން ރާޅުތަކުން އިއްވައިދޭ ރާގުތަކުގެ އަސަރުގަދަ ކަމާއެވެ. ވަށައިގެންވާ ދޮންވެލި ގޮޑުދޮށަށް ހޭހަން ކުރުމުގައި އަވަދިނެތި ހަރަކާތްތެރިވަމުންދާ ލޮނުގަނޑުގެ ސާފު ކަމާއެވެ. އެ ޖަޒީރާތަކުގައި މިނިވަން ކަމާއެކު އުޅެމުންދާ އެތަނުގެ އަހުލުންނަށްހުރި ނަސީބުގެ ބޮޑު ކަމާއެވެ.މި ނަސީބު ލިބިފައިވާ އެއްބަޔަކީ މި ރަށްތަކުގެ ތެރެއިން ހޮވައިލެވޭ މިލަދުން މަޑުލު އުތުރުބުރީ ފުނަދޫގެ ރައްޔިތުންނެވެ.

ށ. ފުނަދޫ

ފުނަދޫ

ފުނަދުއަކީ އެކުވެރިކަމާއި އެއްބައިވަންތަކުގެ ޗޭނަކުން ގުޅިފައިވާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެވެ. އެރަށުގެ އާބާދީ 2580 މީހުންނަށްވުރެ ގިނައެވެ. އެރަށް އާބާދުވީތާ 2018 ވަނަ އަހަރަށް ވަނީ 50 އަހަރު ވެފައެވެ. ކައިރި އަތޮޅު ތަކުންނާއި ށ. އަތޮޅުގެ އެކި ރަށްރަށުން މީހުން އައިސް އެރަށުގައިވަނީ ވަޒަންވެރިވެފައެވެ. މަސްހުނި އާއިލާތަކެއް އެރަށުގައި ދިރިއުޅުމަކުން އެއްވެސް ތަފާތު ކަމެއްނުފެނެއެވެ. ފެންނަމުންދަނީ އެކުވެރިކަމެވެ. އެއްބައެއް ވަންތަކަމެވެ. އެރީތި ޗާލު ރަށުގެ ރީތިކަމުގައި ހަގީގީ ފޭރާން އަޅުވައިދީފައިވަނީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ކަމާއި ތަހުޒީބު އާދަކާދަ ތަކެވެ.

ރައްޔިތުން

ފުނަދޫ ރައްޔިތުންނަކީ ހިތްހެޔޮ ބައެކެވެ. މެހުމާންދާރީ އަދާކުރުމުގައި ދިވެހީންނަށް ދަސްވެފައިވާ ހުރިހާ ރީތި އާދަކާދަތަކެއް އެރަށުގެ އަހުލުންނަށް ވެސް ވަނީ ލިބިފައެވެ. މިއިން ދައްކުވައިދެނީ އެރަށު ރައްޔިތުންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުމުގެ ވަރުގަދަ ކަމެވެ. އެރަށުގެ މީހުން ވެސް ފާހަގަވެފައިވަނީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ އެދީނަށް ޙުރުމަތްތެރިކޮށް ހިތާ އަޚުންތަކެއްގެ ގޮތުގައެވެ. މުންނާރުތަކުން ބަންގި ގޮވާލާ ކޮންމެ ވަގުތަކު އެދިމާއަށް ފިޔަވަޅުތައް ހަލުއިކޮށްލައެވެ. އަންހެންވެރިން ވެސް ހަމަ އެފަދައިން ބަންގިއަށް އިޖާބަދެއެވެ. ޒުވާބު ކުރުމާއި ތަޅާފޮޅުމާއި ހަމަނުޖެހުން ހިންގުމަކީ އެރަށު މީހުންނާ ބީރައްޓެހި ކަންކަމެވެ. އެހެންކަމުން އެރަށުގެ ރައްޔިތުންނަކީ ނަމޫނާ ބައެއް ކަމަށް ބަލައިގަންނަން ޖެހެއެވެ.

އަތޮޅުވެރިކަން ބަދަލުވުން

ށ. އަތޮޅުގެ އަތޮޅުވެރިކަން ފުނަދުއަށް ބަދަލުވީ 1968 ވަނަ އަހަރުއެވެ. އޭގެ ކުރިން އެއަތޮޅުގެ އަތޮޅުވެރިކަން ކުރީ ޅައިމަގުގައެވެ. ފުނަދުއަށް އަތޮޅުވެރިކަން ބަދަލު ވުމަށްފަހު އެރަށްދިޔައީ އާބާދުވަމުންނެވެ.

އާބާދުވުން

ފުނަދުއަށް އަތޮޅުވެރިކަން ބަދަލުވުމަށްފަހު ރަށް އާބާދުވާން ގާތްގަނޑަކަށް 2 އަހަރު ބައިގެ މުއްދަތެއް ހޭދަވިއެވެ. އެންމެ ފުރަތަމަ ފުނަދުއަށް ބަދަލުވީ ނ. އަތޮޅު ބޮމަސްދޫ މީހުނެވެ. އޭގެ ފަހުގައި ށ. ފިރުބައިނދޫންނާއި ނޫމަރާ އިންނާއި މާކަނޑޫދޫ އިން މީހުން ބަދަލު ކުރެވުނެވެ. އެ ދެރަށުން މީހުން ބަދަލު ކުރެއްވިއިރު އެބައިމީހުން ދިރިއުޅުނު ރަށްރަށުގައި އަޅަފައިވާ ކޮންމެ ގެއަކަށް ގެއެއް ސަރުކާރުން ދެއްވި އެވެ. އޭގެ އިތުރުން ށ. ކޮމަންޑޫ، މާއުނގޫދޫ، ޅައިމަގު މަރޮށީން ވެސް ބައެއް އާއިލާތައް ފުނަދުއަށް ބަދަލުވެފައިވެއެވެ.

ށ. ފުނަދޫ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ފުރައިގެން 45 މިނެޓުން ދެވޭ ފުނަދު އަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. ރީތި ތުނޑިތަކާއި ހިތްގައިމު އަތިރިމަތި ތަކުން ހިތްފަސޭހަކަން ގެނެސްދޭ ރަށެކެވެ. އެ ރަށުގެ އަތިމަތީގައި ވަނީ ރައްޔިތުން އުފާކުރުމަށްޓަކައި ހިތްފަސޭހަ މައިޒާންތައް ހަދައިފައެވެ. ސާފު ގޮނޑުދޮށާއި އަތިރިމައްޗަށް ގެއްލުން ނުވާނެ ގޮތްތައް ބަލައިގެން އެ ތަންތާނގައި ވަނީ ޖޯލި ބަހައްޓައިފައެވެ. ކުޑަކުދިންނަށް ހެއްލޭނޭހެން އުނދޯލިތައް ވެސް ވަނީ އެލުވައިފައެވެ. އަދި އާއިލާތަކުގެ ގިނަ މެންބަރުން އެކީގައި ތިބެ ސައިބޯލެވޭނެހެން ނާސްތާ މޭޒާއި ގޮނޑިތައް ވެސް އަތުރާފައި ވެއެވެ.

ތަފާތު ނަންތައް ކިޔާ އެ ދޮންވެލި އަތިރިމަތި ތަކުގައި މަސްފިހެލެވޭނޭ ގޮތަށް އަށިތައް ވެސް ތައްޔާރު ކޮށްފައި ވެއެވެ. އެހެންރަށްރަށެކޭ އެއްފަދައިން އެރަށުގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ އެކި ނަންނަމުގައި ބީޗުތައް ތަރައްގީކޮށްފައެވެ. ސަންރައިސް ބީޗް، ސަންސެޓް ބީޗް، ވީކެންޑް ބީޗު ފަދަ ތަންތަނެއެވެ. އެއިން ކޮންމެ ބީޗަކީ ނުވަތަ ގޮނޑުދޮށަކީ ފުނަދޫ ރައްޔަތުންނަށް އެތައް އުފަލެއް ލިއްބައިދޭ ތަނެކެވެ. އެރަށުގެ ކޮންމެ ދިމާއަކުން މޫދަށް ފޭބިޔަސް ފެންނަނީ ވިލު ނޫކުލައިގެ ސާފު މޫދެވެ. އެއާ ގުޅިފައިވަނީ ހިތްތަކަށް ފަރުވާއެއް ފަދަ ސާފު ދޮންވެލިގަނޑެވެ.

ދަށްފަޅު

ދަށްފަޅަކީ ފުނަދުއަށް އަރާ ކޮންމެ މީހަކުވެސް ބަލާލަން ކަމުދާނެ ރީތިކަން އެކުލެވިފައިވާ ހިތްގައިމު ފަޅެކެވެ. އެއީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެ ރަށާއި ކުޑަހުރަ އަކާ ދޭތެރޭ އޮންނަ ތިލަ ފަޅެކެވެ. އެ ފަޅު އެހައިރީތިކަމަށް ފެންނަނީ މޫދުގެ ރީތި ކަމުގެ އިތުރަށް ވަށައިގެން ހިނގާފައިދެވޭ ހިސާބުގައި އޮންނަ ދެ ރަށުގެ މަލަމަތި ރީތި ކަމުންނެވެ. ފުނަދުއާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން، ދައްފަޅުގައި ކުދި ދޯޏްޏާއި ކެނޯފަދަ ތަކެތި ދުއްވާ އެ ފަޅުގެ ރީތި މަންޒަރުތަކުން އުފާ ހޯދައެވެ.

ކޮކާ ޕާކު

ފުނަދޫ މީހުން ކިޔާ ކޮކާ ޕާކަކީވެސް އަޖައިބުވާފަދަ ރީތި ބަގީޗާއެކެވެ. އެއްކުލައެއްގެ ކޮކާތައް އެއްތަނެއްގައި އެހެން އުދުހި އުޅެނިކޮށް ފެންނާނީ ވަރަށް މަދު ފަހަރަކު އެވެ. މި ކޮކާތަކުގެ މަންޒިލުގައި އުޅެނީ އޮރެންޖު ކުލައެއްގެ ކުދި ކޮކާތަކެކެވެ. އަދި ކޮކާތަކުގެ ފިޔަ ތަކުގައި ކަޅުކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. ޤުދުރަތީ ރީތި ކަމަށް ލޯބިކުރާ ފަރާތް ތަކަށް މިއީ ވަރަށް ހިތްގައިމު މަންޒަރަކަށް ވާނެއެވެ. ކޮކާތައް އުދުހެމުން ދާއިރު ބިމުން މައްޗަށް ދެ ފޫޓް ހުންނަ ވަރުގެ ކުދި ގަސްގަހުގެ ފަތްތައް މަތީގައި ތަފާތު ސައިޒުތަކުގެ ކޮކޮކާ ފަނިތައް ހިރެމުން ދާތަން ފެންނާނެއެވެ. ނަމަވެސް މި މަންޒިލަށް ކޮކާ އަންނަނީ އިރުވައި މޫސުމުގައެވެ.

ފުނަދުއަކީ އެރަށަށް ގުދުރަތުން ދެއްވައިފައިވާ ރީތިކަން ދަމަހައްޓާން މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ހިތްގައިމު ރަށެކެވެ. މިރަށަކީ ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާ އެކު ޒިޔާރަތްކޮށްލަން ރަނގަޅު ރަށެކެވެ.