އައްޑޫ ސިޓީގެ ތިން ސްކޫލެއްގައި ކުރިއަށް ގެންދިއަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

0

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލާއި ސ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިއަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 07 އަދި ގްރޭޑް 08 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިއަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު، މިހިނގާ ސެޕްޓެންބަރ މަހު 07 ވަނަ ދުވަހު ބާއްވާފައިވަނީ ހިތަދޫ ސްކޫލްގައެވެ. އަދި ސ. އަތޮޅު މަދަރުސާގެ ގްރޭޑް 07 އަދި 08 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިއަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ ހަވީރު ހުޅުމީދޫ ސްކޫލްގައެވެ.

Advertisements

މި ދެ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވީ ސެންޓަރލް ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޑް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

މިދެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަރިވަރުންނަށް ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ ނަމޫނާ ދަރިވަރުން ތަކަކަށް ވުމަށް އެދިލެއްވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ލެއްވިއެވެ.

މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.

މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ޓްރެފިކް ނިޝާންތަކާއި، ދުއްވުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި، އުޅަނދު ދުއްވާ ފަރާތްތަކުން ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، ދުއްވާ އުޅަނދުތައް ހުންނަންޖެހޭ މިންގަނޑުތައް ކިޔައި ދީފައިވެއެވެ.

މީގެ އިތުރުން އެކްސިޑެންޓްތައް ހިނގަން ދިމާވާ ސަބަބުތަކާއި، އަދި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންކަމާއި، މަގު ހުރަސްކުރުމާއި، ހިނގާބިނގާވެ އުޅުމުގައި ރައްކާތެރި ގޮތްތަކާއި، މީހުންނާއި މުޢާމަލާތުކުރަންވީ ރީތި ޢަދަބުތަކާއި މަގުމަތީގެ ސުލޫކާއި އަޚްލާޤު ކިޔައިދީފައިވެއެވެ.

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން، އޮގަސްޓް 25 އިން 30 އަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ޝަރަފުއްދީން ސްކޫލުން 28 ދަރިވަރުންނާއި ހިތަދޫ ސްކޫލުން 19 ދަރިވަރުންނާއި އަދި ސ. އަތޮޅު މަދަރުސާއިން 43 ދަރިވަރުންނާއެކު ޖުމްލަ 90 ދަރިވަރުން ބައިވެރިވެ ސެޓުފިކެޓު ހާސިލުކޮށްފައިވެއެވެ.

ޚަބަރު: ޕޮލިސްލައިފް ވެބްސައިޓުން

 

Advertisements