ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ. އެޕާޓީން ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބަރުލަމާނީއަށް ތާއީދ ނުކުރަން އެޕާޓީން ނިންމެވީ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުން ކުރުމަށް އެންމެބޮޑަށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުން ވަނީ މިމަހު ނަވާވީހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ގަރާރެއްވެސް ފާސްކޮށްފައެވެ.
ބަރުލަމާނީއަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖީލިހުން ވެސް ވަނީ ފާސްކޮށްފައެވެ. ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމެވީ މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އިސް ލީޑަރު ރައީސް ސާލިހް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.