ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުން ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ބުނީ 48 ގަޑިއިރުގެ ތެރޭގައި މިފަދަ 6 މައްސަލަ ހުށަހަޅާފައިވާއިރު 35000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ތަހުގީގުން އެނގިފައިވާކަމަށެވެ.

އަދި މިގޮތަށް ގުޅާ މީހުން، ތިޔަ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށް ބުނާކަމަށާއި އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީކަމަށް ބުނާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާ އަދި ޓޫފެކްޓަރ އޯތޮންޓިކޭޓަރ ސެޓުކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ބުނެ ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށްވެސް އެދޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައްވެސް ދަނީ ހުށަހެޅެމުން ކަމަށެވެ.

އަދި އަމިއްލަ ނަމްބަރަށް މިގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާ އަދި ފޭސްބުކް މެސެންޖަރ އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުގެ އިތުރުން ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.