ހުޅުމާލެ ފިޔަވަތި މަރުކަޒަށް މެއިންޓަނެންސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިންއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު މިއަދު ސޮއި ކުރައްވައިފިއެވެ.

މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެމް.އޯ.ޔޫގެ ދަށުން އެ މަރުކަޒުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓުމާއި ޢިމާރާތުގައި ބޭނުންކުރެވޭ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑްން އެންޑްރިއު ސްޓުވަރޑްއެވެ.

ފިޔަވަތި މަރުކަޒުގައި މި ވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ. ފިޔަވަތި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުޑަކުދިން ބަލަހައްޓަމުން ގެންދާ ޚާއްސަ މަރުކަޒެކެވެ.