ލޯކަލް ކައުންސިލް އިންތިޚާބާގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިވިލް ކޯޓަށް މިއަދު ހުށަހަޅަން މަސައްކަތްކުރި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމާފައިވާކަމަށް، އެ ކޯލިޝަނުން ބުނެފިއެވެ.

ސިވިލް ކޯޓު ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލައިނުގަންނަން ނިންމީ ކީއްވެގެން ކަން ސާފު ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެ ޕާޓީގެ އެތައް ސަތޭކަ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭތީ ހުށަހެޅި މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލައިނުގަތުމުން ހާމަވި ކަމަކީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު މިއަދު ނުލިބޭނެ ކަން ކަމަށެވެ.

ސިވިިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންއަށް ހިނގާފައި ދިޔަ އިދިކޮޅުގެ ވެރިންގެ ތެރޭގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ގައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ފަރާތުން މިއަދު މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު، އިންތިހާބާ ދިމާކޮށް އިދިކޮޅުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތުން ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މީގެ މަހެއްހާ ކުރިން އަދުރޭ ވިދާޅުވެފައި ވަނީ މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ. އަދި ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އޭރު އަދުރޭ ވިދާޅުވި އެވެ.