އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން(އައިސީއެފް)ގެ ނާއިބު ރައީސް ރޮބާޓް ގާސިއާގެ ކްލާސްތަކެއް ރާއްޖޭގައި ނަގައިދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ރާއްޖޭގައި ބޮޑެތި އިވެންޓްތައް ބާއްވާ ކުންފުންޏެއް ކަމަށްވާ ވޯލްޑް އޮފް ޓުމޯރާއާ އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން ގުޅިގެން ކުރިއަށް ގެންދާ މާސްޓާ ކްލާސްތަކެކެވެ.

މި މާސްޓާ ކްލާސްތަކުގެ ފުރަތަމަ އިންސްޓޯލްމަންޓް ކުރިއަށް ދާނީ މި މަހުގެ 23 އިން 25 އަށެވެ. ކުލާސްތައް އޮންނާނީ ވިލާ ނޯޓިކާގައެވެ.

މި މާސްޓާ ކްލާސްތައް ނަންގަވައިދެއްވާ ރޮބަޓް ގާސިއާ

ދުނިޔޭގެ އެކި ޖަމިއްޔާތަކަށް ކޯޗް ކަން ކޮށްދީ، ކޯޗިންގެ ސަގާފަތްތައް ކުންފުނިތަކުގެ ތެރޭގައި އާލާކުރުމަށް އެކުލަވާލައިފައިވާ އައިސީއެފްގެ ބިޒްނަސް ޔުނިޓް ހިންގުމުގައި އެންމެ ކުރީ ސަފުގައި ހުންނަވާ ބޭފުޅާއެވެ.

ރޮބަޓް ގާސިއާ އަކީ ވިޔަފާރި، ހިއުމަން ރިސޯސް މެނޭޖްމަންޓް، ސޭލްސް، އޮޕަރޭޝަންސް، ލީޑަޝިޕް ކޮންސަލްޓިން، އަދި ޑައިވަރސިޓީގެ ރޮނގުން އެތަކެއް އަހަރެއްގެ ތަޖުރިބާ ހުރި ރޮބަޓް ބޭފުޅެކެވެ. ކަސްޓަމަރުންގެ ވަފާތެރިކަން ކަށަވަރުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ފަންސާހަށްވުރެ ގިނަ ގައުމުގައި ވިޔަފާރީގެ ގުޅުން ގެންގުޅުއްވާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާ ލިބިވަޑައިގެންފަ ހުރި ބޭފުޅެއްވެސްމެއެވެ.

"ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް"

މި މާސްޓަކްލާސްތަކުގައި ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" އަށް ފުންކޮށް އަލި އަޅުވާލާނެއެވެ. އޯގަނައިޒޭޝަންތަކުގައި ކޯޗިންގ ތަރައްގީވަމުން އަންނަ ގޮތްތައް ފާހަގަކޮށް، ކުންފުނިތަކުގެ ލަނޑުދަނޑިތައް އެ ކުންފުންޏެއްގެ އޯގަނައިޒޭޝަނަލް ކަލްޗަރަކާއި އެއްގޮތް ކުރުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައިލާ ބުނެދޭނެއެވެ.

ކޯޗިން ބޭނުންކޮށްގެން އިނޮވޭޝަން ކުރިއެރުވުމާއި، އުފެއްދުންތެރިކަން އިތުރުކޮށް، ކުންފުނިތަކުގެ ތެރޭގައި އެންގޭޖްމަންޓް އިތުރު ކުރެވޭނެ ގޮތްތައް ވެސް މި މާސްޓަ ކްލާސްތަކުގައި ދިރާސާ ކުރަން ވަނީ ހަމަޖެހިފައެވެެ. އަދި ހަމައެހެންމެ ވިޔަފާރިއާއި ހުނަރު ބެލެހެއްޓުމުގައި ކޯޗިންގެ މުހިންމު ދައުރު ދެނެގަތުމާއި، މިފަދަ ކަންކަމުން ނަތީޖާތަކަށް ކުރާ އަސަރު މިންކުރާނެ ގޮތްތަކަށްވެސް ރޮބަޓް ވާހަކަ ދައްކަވާނެއެވެ.