އިންތިގާލީ މަރުހަލާގައި ހަތް ކަމެއް ނުކުރުމަށް އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އިންތިހާބީ ރައީސް ފޮނުއްވި ސިޓީފުޅުގައި، އާ ސަރުކާރާ ބާރުތައް ހަވާލުކުރުމުގެ ކަންތައް އޮމާންކަމާ އެކު ކުރިއަށް ގެންދަން ބޭނުންވާ ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވުމުން އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

އިންތިހާބީ ރައީސް ސޮއިކުރައްވާ ރައީސް ސާލިހަށް ފޮނުއްވި ސިޓީގައި، ވެރިކަމާ ހަވާލުވުމުގެ ކަންކަން ވިލަރެސް ކުރަމުންދާކަން ފާހަގަކުރައްވާ، އެ މަސައްކަތް އަމާންކޮށް ކުރިއަށް ގެންދަން ރައީސްގެ ފަރާތްޕުޅުން އެހީތެރިކަން ބޭނުންވާ ހަތް ކަމެއް ފާހަގަކުރެއްވި އެވެ.

އިންތިގާލީ މަރުހަލާގައި ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވީ؛

  1. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓުމެންޓެއް ނުކުރުން
  2. ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
  3. ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
  4. ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
  5. ޕީއެސްއައިޕީ އަދި އެހެން ވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
  6. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
  7. ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންތައް ކުރުމުގެ އިސްވެރިއަކަށް އައްޔަނު ކުރައްވާފައިވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ އެވެ.