މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ތިންފިރިހެނުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހެކެވެ. މި މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 107 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން މީހުންނަށްވެސް 15 ދުވަހުގެ މުއްދަތު ދީފައިވާވާ ކަމަށެވެ.
އިއްޔެ އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެންނެވެ.
އަދި ޑްރަގް އެންފޯސްމަންޓުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.