ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި އުފައްދަވާ ޓްރާންސިޝަނަލް ނުވަތަ އިންތިޤާލީ ކޮމިޓީގައި އަންހެނުންގެ ބައިވެރިވުން އޮންނާނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ, ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކޮށް, ލިޔުން ހަވާލުކުރި ރަސްމިއްޔާތުގައި އަންހެންކަނބަލެއް ނުފެންނަ ކަމަށާއި, އެހެންކަމުން ޓްރާންސެޝަނަލް ކޮމިޓީގައި އަންހެނުންގެ ބައިވެރިވުން ނެތް ކަމަށް ބުނެ އެކްސް.ކޮމްގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ, ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެކްސްގައި ޕޯސްޓްކުރެއްވި ފޮޓޯގައި ހިމެނީ ޑިރެކްޓަރ ޖެނެރަލް އެޕޮއިންޓް ކުރެއްވި ޖަލްސާ ކަމަށާއި, ފޮޓޯގައި ތިއްބެވީ ދެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ, އިންތިހާބީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އަންހެނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއްދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް ކަމަށް ހީނާ ފާހަގަ ކުރެއްވިއެވެ.